އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އެ މަޤާމުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރެއްވުމުގެ ފުރުސަތު ދެއްވަން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ނިންމަވައިފިއެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މެއި މަހުއެވެ. އެ މަނިކުފާނަށް އެ ފުރުސަތު ދެއްވުމަށް ނިންމަވާފައިވާކަން ޖޭއެސްސީން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. ޖޭއެސްސީން ވިދާޅުވީ އެކަމުގެ މަޢުލޫމާތު އަންނަ ހަފްތާގައި އާންމުކުރައްވާނެކަމަށެވެ.
މިއީ މިހާރު އަމަލުކުރާ ގާނޫނުއަސާސީގެ ދަށުން ޝަރަފްވެރިކަމާއެކު ރިޓަޔާވެ ވަޑައިގަންނަވާ ފުރަތަމަ އުއްތަމަ ފަނޑިޔާރެވެ. މީގެ ކުރިން އައްޔަންކުރެއްވި ހުރިހާ އުއްތަމަ ފަނޑިޔާރުންނަކީ މަގާމުން ދުރުކުރެއްވި ބޭފުޅުންނެވެ.
އަޙްމަދު މުއުތަސިމް އަދުނާން ބެޗިލަރ އޮފް ލޯސް ޙާޞިލުކުރައްވާފައި ވަނީ 1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމް އިންނެވެ. އަދި، 1994 ވަނަ އަހަރު، ސްކޮޓްލޭންޑްގެ ޔުނިވަރސިޓީ އޮފް ގްލެސްގޯ އިން މާސްޓަރ އޮފް ފިލޯސޮފީ ޙާޞިލްކުރައްވާފައިވެއެވެ.
އަޙްމަދު މުޢުތަޞިމް ޢަދުނާން، 1994 އިން 2001 ގެ ނިޔަލަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ލީގަލް ސެކްޝަނުގެ ޑިރެކްޓަރުގެ ވަޒީފާ އަދާކުރެއްވިއެވެ. 2001 އިން 2005 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީން އެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުއުތަސިމް އަދުނާން އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ކުރިން އެ މަނިކުފާނު ވަނީ 2009އިން ފެށިގެން ޑިސެމްބަރު 2014 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.