ޚަބަރު

ތިލަމާލެ ބުރިޖުގެ ކޮލިޓީ ކަށަވަރުކުރާ ކުންފުނީގެ އެއްބަސްވުން ބާތިލެއް ނުކުރޭ: ވަޒީރު ޑރ. މުއްޠަލިބް


  • ބައެއް މީޑިއާތަކުން ވަނީ އެ އެއްބަސްވުން ބާޠިލްކޮށްފައިވާކަމަށް ބުނެފައި

  • ނަމަވެސް ވަޒީރު ޑރ. މުއްޠަލިބު ވަނީ އެކަން ދޮގުކުރައްވާފައި

"ތިލަމާލެ" ބްރިޖުގެ ކޮލިޓީއަށް ޔަގީންކަން ދެމުންދިޔަ ފަރާތާއެކު ހަދާފައިވާ އެއްބަސްވުން ބާޠިލްކޮށްފައިނުވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ތިލަމާލެ ބުރިޖުގެ ކޮލިޓީ ކަށަވަރުކުރަމުންދާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ބާޠިލްކޮށްފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެވެ. އަދި މި މަސައްކަތުގައި އުޅޭ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ކުންފުނިން ނޯޓިސް ފޮނުވާފައިވާ ކަމަށާއި އެގޮތަށް ކުންފުނިން އަމަލުކޮށްފައިވަނީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް އައުމުން ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ދޮގުކުރައްވާފައެވެ.

"ތިލަމާލެ" ބްރިޖުގެ ކޮލިޓީއަށް ޔަޤީންކަން ދެމުންދިޔައީ މިނިވަން ކޮންސަލްޓަންޓެއްކަމަށް ހޮންކޮންގެ އަރޫޕް ކިޔާ ކުންފުންޏަކުންނެވެ.

ތިލަމާލޭ ބްރިޖަކީ މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ. މިމަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލަށް ބަލާއިރު ބްރިޖްގެ ޕައިލިންގ މަސައްކަތް ނިންމާ މުޅި މަޝްރޫޢުގެ، 60.84 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.

ތިލަމާލެ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅައިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލައި، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖުގެ އިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަހައްދުތައްވެސް ހުންނާނެއެވެ.