ޚަބަރު

އައު ބްރޭންޑުގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތައް މާކެޓުކުރުމަށް ހުރި ދަތިތަކަށް ޙައްލެއް ލިބޭނެ: ވަޒީރު


  • ބައެއް މާކެޓްތަކަށް ބޮޑު ޓެރިފެއް ރާއްޖެއިން ދަނީ ދައްކަމުން

  • އައު ބްރޭންޑާއެކު މާކެޓުކުރުމަށް ފަހި ފުރުބަތުތަކެއް ލިބޭނެ

މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްސަ އައު ގައުމީ ބްރޭންޑުކަމަށްވާ "ފްރޮމް މޯލްޑިވްސް"ގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ރާއްޖޭގެ އުފެއްދުންތައް ނެރުމަށް ދިމާވާ ދަތިތަކަށް ހައްލުތަކެއް ލިބިގެންދާނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ ބްރޭންޑުކަމަށްވާ "ފުރޮމް މޯލްޑިވްސް" އިފްތިތާޙްކޮށްފައިވަނީ އިނގިރޭސިވިލާތުގައި ބޭއްވި ބިޒްނަސް ފޯރަމްގައެވެ. މި ބްރޭންޑް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ބްރޭންޑާ ގުޅޭގޮތުން ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ބާޒާރުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އަލިއަޅުވައިލެއްވިއެވެ. ވަޒީރު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ބައެއް މާކެޓްތަކުގައި ރާއްޖެއިން އަދިވެސް ބޮޑު ޓެރިފެއް ދައްކަންޖެހުމަކީ މަސްވެރިކަމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި މަސްވެރިކަމުގެ ދެމެހެއްޓެނިވި ކަންކަމަށް މަސައްކަތްތަކެއް ނުކުރާ ބޮޑެތި ސިނާއީ ފްލީޓްތަކަށް ޑިއުޓީ ފްރީ އެކްސެސް ލިބޭއިރު، ދުނިޔޭގެ އުތުރުގައި މުހިންމު މާކެޓްތަކުގައި ރާއްޖެއަށް ބޮޑު ޓެރިފްތަކެއް ދައްކަންޖެހޭކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހާއްސަ ބްރޭންޑެއް މުހިންމުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އުންމީދަކީ، ދިވެހި މަސްވެރިން އުފުލަމުންދާ ބުރައަށް އައު ބްރޭންޑުގެ ސަބަބަުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އުންމަީދަކީ ދިވެހިންގެ އުފެއްދުންތަކުގެ ހަގީގީ އަގު ދުނިޔޭގެ ބާޒާރުގައި ބަލައިގަނެ ބައިނަލްއަގުވާމީގޮތުން ބަލައިގެންފައިވާ އުފެއްދުމަކަށް ރާއްޖޭގެ މަސްވެރިންގެ އުފެއްދުންތައް ވެގެންދިއުންކަމަށެވެ.

ފްރޮމް މޯލްޑިވްސް” ގެ މަޤްޞަދަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާ ގުޅުވާލުމެވެ. އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ފައިދާ މުޖުތަމައަށް ކުރާނެކަން ކަށަވަރު ކުރުމެވެ. އައު ބްރޭންޑްގެ އަމާޒަކީ ވިޔަފާރީގެ ފައިދާއާއި ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ކުރިއަށް އޮތް އަހަރުތަކަށް ގެންގޮސްދިނުމެވެ.

މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ. މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށާއި، ޕްރޮސެސްކުރުމުގެ އިތުރުން، މަސް ފިނިކޮށް، ރައްކާކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބިގެންދާ ކުރިއެރުމެކެވެ. ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ މީހުންނަށް ބައިނަލްއަގްވާމީ ބާޒާރުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ހުޅުވިގެންދާނެއެވެ.

"ފްރޮމް މޯލްޑިވްސް" މި ބްރޭންޑަކީ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ އުފެއްދުމެކެވެ.