ޚަބަރު

ސްވިޑަން ބަލިކޮށް އިންގްލެންޑް ސެމީ އަށް


މިހާރު ކުރިއަށްދާ އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް އިންގްލެންޑް އިން ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑް އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސްވިޑަން އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން 3-2 ގެ ނަތީޖާ އަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ މިނިޓުގައި ސްވިޑަންގެ އަސްލާނީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 25 ވަނަ މިނިޓުގައި ސްވިޑަންގެ ބްލެކްސްޓީނިއަސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްވިޑަން އިން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް ދެވަނަ ހާފުގައި އިންގްލެންޑް އިން ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސް ކުޅުން ރަގަޅުކޮށްފަ އެވެ.

މެޗުގެ 79 ވަނަ މިނިޓުގައި އިންގްލެންޑްގެ ލޫސީ ބްރޯންޒް ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ހިތްވަރު އައުކޮށްދީފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން މިޝޭލް އަގިޔެމަންގް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައިވެސް ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން އިންގްލެންޑް އިން ކުރި ހޯދިއިރު ކޮންމެ ޓީމަކުންވެސް ވަނީ ހަތް ޕެނަލްޓީ ޖަހައިފަ އެވެ. އިންގްލެންޑްގެ ހަތްވަނަ ޕެނަލްޓީ ލޫސީ ބްރޯންޒް ކާމިޔާބު ކުރިއިރު ސްވިޑަންގެ ސްމިލާ ހޮލްމްބަރގް ފޮނުވާލި ހަތްވަނަ ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އިންގްލެންޑް އާއި ދެކޮޅަށް ނިކުންނާނީ އިޓަލީ އެވެ.