ޚަބަރު

200 އަހަރަށް ފަހު ފަރަންސޭސިވިލާތުގެ ސިފައިން ސެނެގާލުން ފައިބައިފި


ސެނެގާލްގައި ހުރި ފަރަންސޭސިވިލާތުގެ އިސްތިޢުމާރީ ސިފައިންގެ މަރުކަޒު ސެނެގާލްގެ ސިފައިންނާ ޙަވާލު ކުރުމަށް ފަހު، ފަރަންސޭސި ސިފައިން އެ ޤައުމުން ފައިބައިފިއެވެ. ސެނެގާލުން ފަރަންސޭސި ސިފައިން ފައިބާފައި މި ވަނީ 200 ވަރަކަށް އަހަރަށް ފަހުއެވެ. އޭގެ ތެރެއިން ބޮޑު ބަޔެއްގައި ސެނެގާލްފެ ރައްޔިތުންގެ މައްޗަށް ފަރަންސޭސީން ހިންގާފައި ވަނީ އިސްތިޢުމާރީ ވެރިކަމެކެވެ.

ސެނެގާލްގައި ތިބި ފަރަންސޭސި ސިފައިން އެ ޤައުމުން ފޭބުން ފާހަގަ ކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް ބޭއްވިއެވެ. އަދި، އެ ރަސްމިއްޔާތުގައި ސެނެގާލްގައި ހުރި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒުގެ ތަޅުދަނޑި ވަނީ ސެނެގާލްގެ އަސްކަރިއްޔާއާ ރަސްމީކޮށް ޙަވާލު ކޮށްފައެވެ. މިއާ އެކު، އެފްރިކާ ބައްރުގެ ހުޅަނގުގައި ފަރަންސޭސިވިލާތުގެ އަސްކަރީ މަރިކަޒުތައް މި ވަނީ ބަންދުކޮށްފައެވެ.

ސެނެގާލްގައި ހުރި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒު މި އަހަރު ބަންދު ކުރުމަށް ނިންމާފައިވާ ކަން ފުރަތަމަ އިޢުލާނު ކުރެއްވީ ރައީސް ބަސީރޫ ޜޮމާޔޭ ފޭޔޭއެވެ. ހުސްވި އަހަރު ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ސެނެގާލްގައި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ހުރުމަކީ ސެނެގާލްގައި ސިޔާދަތީ މިނިވަން ކަމަށް އޮތް ހުރަހެއްގެ ގޮތުގައި ޤަބޫލު ކުރައްވާ ކަމުގައެވެ.

ސެނެގާލްގެ އިތުރުން ޗާޑާއި މާލީއާއި ބުރްކިނާ ފާސޯގެ އިތުރުން ނީޜޭގައި ހުރި ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ވަނީ ބަންދުކޮށްފައެވެ. ޗާޑްގައި ހުރި ފަރަންސޭސި އަސްކަރީ މަރުކަޒު ބަންދު ކޮށްފައި ވަނީ 2024ވަނަ އަހަރުއެވެ. އެ ޤައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތައް ބަންދު ކުރި ނަމަވެސް، އެ ޤައުމުތަކުގެ ސިފައިން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގައި ފަރަންސޭސިވިލާތުން ބުންޏެވެ.