ޚަބަރު

ކާވާ ޗެމްޕިއަންސް ލީގު: ސިފައިން އަތުން ސީދާ ތިން ސެޓުން ޒައިކް މޮޅުވެއްޖެ


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި އިއްޔެ ހަވީރު ދިވެހި ސިފައިންގެ ކުލަބާއި ޒައިކް ވޮލީބޯލް ކުލަބު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކަޒަކިސްތާނުގެ ޒައިކުން ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށްދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރިކުޅުމެއް ފެނިގެންދިޔަނަމަވެސް ސިފައިންގެ ކުލަބަށް ސެޓެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.

މުބާރާތުގެ އެންމެ ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމުކަމުގައިވާ ޒައިކުން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-17، 25-22 އަދި 25-15 އިންނެވެ.

ޒައިކް ވަނީ މި މުބާރާތުގައި ފުރަތަމަ ކުޅުނު ސްރީ ލަންކާގެ ޕޯޓްސް އޮތޯރިޓީ އަތުން ފަހަތުން އަރައި 3-1 ސެޓުން މޮޅުވެފައެވެ. އެހެންނަމަވެސް ދިވެހި ސިފައިންގެ ކުލަބުން ކުޅުނު އެއްވެސް މެޗަކުން އަދި މޮޅުވެފައެއް ނުވެއެވެ. މިއަދު ހަވީރު ޒައިކުން ނިކުންނާނީ ރާއްޖޭގެ ކުލަބު އެޗްޑީސީ އާއި ދެކޮޅަށެވެ. ދިވެހި ސިފައިންގެ ކުލަބުން މިރޭ ސްރީލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި ދެކޮޅަށެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެ ކުލަބު ކަމަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ އިތުރުން ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.

މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.