އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ސްޕެއިނުން ހޯދައިފިއެވެ.
ސްޕެއިނުން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސްވިޓްޒަލަންޑް އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް ސްޕެއިން އިން ސްވިޓްޒަލަންޑްގެ ބާރންގައި ކުޅުނު މި މެޗުގައި ލަނޑު ޖަހަން ލިބުނު ރަގަޅު ދެ ފުރުސަތެއް ވަނީ ނަގާލާފަ އެވެ. އެގޮތުން މެޗުގެ 9 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ނާކާމިޔާބު ވެފައިވާއިރު މެޗުގެ ދެވަނަ ހާފުގައިވެސް އެ ޓީމަށް ލިބުނު ޕަންލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސްވިޓްޒަލަންޑްގެ ޑިފެންސް ލައިން ފޫއަޅުވާލުމަށް ސްޕެއިން އަށް ނުކުޅެދިފައިވީ ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުން ވަނީ ކުޅުން ރަގަޅުކޮށް ދެ ލަނޑު ޖަހާފަ އެވެ.
ސްޕެއިނުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު މެޗުގެ 66 ވަނަ މިނިޓުގައި އެތޭނިއާ ޑެލް ކަސްޓިއްލޯ ކާމިޔާބުކުރިއިރު އޭގެ ފަސް މިނިޓު ފަހުން ކްލައުޑިއާ ޕިނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
އަންނަ ބުދަ ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުގައި ސްޕެއިން އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ ކުއާޓަރ ފައިނަލުގައި ފްރާންސް އާއި ޖަރުމަން ބައްދަލުކުރާ މެޗަށްފަހުގަ އެވެ.