ބަޔާން މިއުނިކުން ގުޅުމުން ގޮތެއް ނިންމަން އުނދަގޫވި ކަމަށާއި ނަމަވެސް އޭނާގެ ދަރިފުޅު ފްލޯރިއަން ވާޓްޒް ލިވަޕޫލަށް ދިޔައީ އެ ކުލަބުގެ ކޯޗުގެ ޕްލޭން ރަނގަޅު ވުމުން ކަމަށް ކުޅުންތެރިޔާގެ ފަރާތުން ބުނެފި އެވެ.
އޭނާގެ ބައްޕަ ހަންސް ޖޯހިމް ވާޓްޒް ބުނީ އޭނާގެ ދަރިފުޅަށް އެންމެ ކަމުދާ ކޯޗުންނަކީ އޭނަ އަށް ފްރީޑަމް ދީގެން ކުޅުވާ ކޯޗުން ކަމަށެވެ. އަދި ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓްގެ ޕްލޭނުގައި ވަނީ ވާޓްޒް ލައްވައި ފްރީކޮށް ކުޅުވަން ކަމަށެވެ.
"މިހެންވެ އޭނާ ލިވަޕޫލަށް ދާ ހިތްވީ. ކޯޗުގެ ޕްލޭން ވަރަށް ރަނގަޅު. އާނޭ ސްލޮޓް އޭނާ އަށް ގުޅައިގެން ވަރަށް ވާހަކަ ދެއްކި. އޭނާ ބޮޑަށް ގަޔާވަނީ އެ ގޮތަށް ފްރީ ރޯލެއް ދީގެން ކުޅުވާ ކޯޗުންނާ މެދު،" ޖޯހިމް ބުންޏެވެ.
އޭނާ އަދި ބުނީ އެކި ދުވަސްތަކުގެ މަތިން ޖަރުމަނުގެ ބަޔާން މިއުނިކުން ވާޓްސްގެ ސޮއި ހޯދަން މަސައްކަތް ކުރި ކަމަށެވެ. އަދި ހާއްސަކޮށް އެ ކުލަބުގެ ބޯޑު މެމްބަރު އުލީ ހޮއެނެސް ގުޅުއްވުމުން ގޮތެއް ނިންމަން ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ.
"ސަބަބަކީ އޭނާ އަކީ ވަރަށް ގިނަ ގޮތްގޮތުން އަހަރުމެންނަށް އަމިއްލަ ގޮތުން ވެސް އެހީތެރިވި މީހެއް. އެކަމަކު އަހަރެން ވެސް ނިންމީ ދަރިފުޅަށް އެންމެ ރަނގަޅު ގޮތަކަށް. ވަރަށް ގިނަ ގޮތްގޮތަށް ވިސްނުމަށް ފަހު ނިންމީ ލިވަޕޫލަށް ދާން. ހަގީގަތުގައި ވެސް މި ނިންމުމުގެ އެންމެ ބޮޑު ސަބަބަކަށް ވީ ލިވަޕޫލްގެ ކޯޗު އޭނާ ލައްވައި ކުޅުވަން ނިންމާ ގޮތް. އެ ދެ މީހުން ވާހަކަ ދެއްކުމަށް ފަހު ލިވަޕޫލާއެކު މަޝްވަރާތައް ކުރިއަށް ދާން ފެށީ،" ޖޯހިމް ބުންޏެވެ.
ލިވަޕޫލަށް ވާޓްސް ސޮއި ކުރީ އިނގިރޭސި ރެކޯޑް އަގަކަށެވެ. އެއީ 116 މިލިއަން ޕައުންޑަށެވެ. އޭނާ ގަތުމާއެކު ކުރިއަށް އޮތް ސީޒަނަށް ލިވަޕޫލުން ކޮށްފައިވާ ހޭދަ ވަނީ 200 މިލިއަން ފަހަނަ އަޅައި ގޮސްފަ އެވެ. އިނގިރޭސި މީޑިއާ ތަކުން ލަފާ ކުރާ ގޮތުގައި ލިވަޕޫލުން އަންނަ ސީޒަނަށް ތައްޔާރުވުމަށް ކުރާ ހޭދަ 300 މިލިއަނަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.