އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި އޮތްނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބިފައިވާ ފްލެޓް ނުގެއްލޭނެކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިގޮތަށް ބަދަލު ގެންނަން ނިންމީ ފްލެޓް ލިބޭނީ ގޯތި ދޫކޮށްލުމުންކަމަށް ބުނެ ވުޒާރާއިން އާއްމު ކުރި އުސޫލަށް، އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދާތީކަމަށް ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އުސޫލަށް ގެނައި ބަދަލުގައި ކުރިން ބުނެފަވަނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފަވާ ފަރާތްތަކުގެތެރެއިން، ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފަވާ ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށްކަމަށެވެ.
ނަމަވެސް މިކަން ބަދަލުކޮށް، ކުރީގެ އުސޫލާ އެއްގޮތަށް ކުރިއަށްދާން ނިންމީ އެކަމަކީ ރައްޔިތުން ކަންބޮޑުވުން ހުރި ކަމަކަށްވާތީކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ ބިންވެރިޔާ ސްކީމުގެދަށުން މާލެ ސަރަޙައްދުން ބިން ދޫކުރުމަށް ހަމަޖެހިފަވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީއާއި، ހިއްކާފަވާ ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ، އުސޫލަށް ގެނައި ބަދަލަށް ޢަމަލު ނުކުރަން ނިންމާފަވާކަމަށެވެ.
އެހެންކަމުން، ފްލެޓް ދޫކުރުމުގެ މަސައްކަތުގައި 15 ނޮވެމްބަރު 2023ގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާނުކުރި ލިސްޓާ ގުޅިގެން، ފްލެޓް ނަންބަރު ގުރުއަތު ނަގައި ލިބޭ ފްލެޓް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ވުޒާރާއިން ފަހުން ބަދަލު ގެނައި އުސޫލާ ގުޅިގެން އެއްވެސް ފަރާތެއްގެ ޝަރުތު ހަމަނުވާކަމުގެ ލިޔުން މިހާތަނަށް ފޮނުވާފަ ނުވާނެކަމަށްށެވެ.
ސަރުކާރުން މިހާރު ދަނީ 4000 ހައުސިން ޔުނިޓް ހަވާލުކުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ ހޯމަ ދުވަހު ކޮންޓްރެކްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެއެވެ.