ޚަބަރު

ދިވެހިންގެ އުފެއްދުންތަކާއި ވާހަކަތައް އެހެން ޤައުމުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ: ޞަފާ


  • އެސްސީއޯ ފިލްމް އެންޑް ޓެލެވިޜަން ފެސްޓިވަލް ކުރިއަށް ގެންދިޔައީ މިމަހުގެ 15 އިން 17 އަށް

  • ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާއަށް ތަމްރީނުތައް މުހިންމުކަން ޞަފާ ފާހަގަކުރެއްވި

ދިވެހިންގެ ވާހަކަތައް އެހެން ޤައުމުތަކަށް ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ފިލްމް އެންޑް ޓެލެވިޜަން ފެސްޓިވަލް 2025 ތެރެއިން ދެއްވި ތަޤުރީރެއްގައެވެ.

ޗައިނާގައި މިމަހުގެ 15 އިން 17 އަށް ކުރިއަށްދިޔަ ދެވަނަ ފިލްމް އެންޑް ޓެލެވިޜަން ފެސްޓިވަލުގައި، ތަޤްރީރުކުރައްވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޞަފާ ވަނީ، މިފަދަ މަންސަތަކަކީ، ކޮންމެ ޤައުމެއްގެ ސަޤާފަތް ގުޅުވައިދޭ މުހިންމު މަންސަތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ޤައުމީވަންތަކަން ދައްކުވައިދޭން ލިބޭ ފުރަސަތެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޓީވީ ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއަކީ ޒުވާން އަދި ކަންކަން ދަސްކުރަމުންދާ ދާއިރާއެއް ކަމަށް ވިދާޅުވެ ޝަންހާއި ކޯޕަރޭޝަން ތެރެއިން އެކި ޤައުމުތައް ގުޅިން އުފެއްދުންތައް ގެނެސް ދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޞަފާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން، ދެކެން އެސްސީއޯގެ ތެރެއިން އައު އުފެއްދުންތައް އުފެއްދިދާނެ ކަމަށް. އަޅުގަނޑުމެންގެ އުފެއްދުންތެރިން ތަމްރީނުކޮށް، އަދި އަޅުގަނޑުމެންގެ އަޑުތައް ބައިނަލްއަޤްވާމީ މަންސަތައް މެދުވެރިކޮށް ގެނެސްދެވިދާނެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިއީ ފެށުމެއް." ޞަފާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ވިދާޅުވީ ޤައުމުތަކުގެ މިފަދަ ވާހަކަތައް ގެނެސްދީ، ތަރުޖަމާކޮށް އެއުފެއްދުންތައް ލިބޭނެ ގޮތް ހެދުމަށް އިންވެސްޓުކުރަން ޖެހޭ ކަމަށެވެ. އަދި މީހުން ބިނާކޮށް ތަރުޖަމާކުރުމާއެކު ޤައުމުތަކުގެ އުފެއްދުންތައް އެންމެންނަށް ފޯރުކޮށްދެވޭނެގޮތަށް ކަންކަން އިންތިޒާމުކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ.

އެސްސީއޯގެ މި ފެސްޓިވަލުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބައިވެރިވަމުންދާއިރު، މި ފެސްޓިވަލްގެ ހަވާސާގެ ތެރެއިން ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ޗައިނާގެ ނަޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާ ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.

ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ޓެލެވިޜަން ފެސްޓިވަލަކީ ބްރޯޑްކާސްޓިންގ، ޓެލެވިޜަން އަދި އޮންލައިން އޯޑިއޯ ވިޜުއަލް ދާއިރާތަކުގައި ސިޔާސަތުތައް ވިލަރެސްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، އަދި ސިނާޢީ-ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުމާއި، އެސްސީއޯގެ ކުރިމަގު ހިއްސާކުރާ ގާތް މުޖުތަމަޢެއް އުފެއްދުމަށްޓަކައި ކުރިއަށް ގެންދާ ފެސްޓިވަލެކެވެ.

ޤައުމުތައް ގުޅިގެން މީޑިއާ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން ވަނީ ހުރިހާ ޤައުމަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ޚާރިޖީ ސިޔާސަތެއްކަން ހާމަކޮށްފައެވެ. މިކަންކަމުގެ ތެރެއިން މީޑިއާ ދާއިރާގެ އެކި ތަމްރީނުތަކާއި ތަޖުރިބާ ދަތުރުތަކުގައި ރާއްޖެއިން ދަނީ ބައިވެރިވަމުންނެވެ.