ޚަބަރު

ވީއައިއޭގެ އައު މާސްޓަރޕްލޭން އެކުލަވާލުމުމުގެ މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ: އެމްއޭސީއެލް


  • މަސްޓަރ ޕްލޭންގެ ދަށުން ޑޮމެސްޓިކް ޓަރމިނަލް އަދި އިތުރު ޚިދުމަތްތައް ތަރައްޤީކުރާނެ

  • ރައީސް ތަރައްޤީގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ މިދިޔަ އަހަރު ޖަނަވަރީ މަހު

އަންނަ ސެޕްޓެމްބަރު މަހު އައު މާސްޓަރޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިމޭނެ ކަމަށާއި، އެ މަސައްކަތް ނިމުމާއެކު އެއާއި އެއްގޮތަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގެ ތަރައްޤީގެ މަސައްކަތް ފަށާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަހަރު ޖެނުއަރީ މަހު ކުރީކޮޅު އިފްތިތާޙްކޮށްދެއްވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީގެ ތަޞައްވުރާއި އެއްގޮތަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާއި އެއްގޮތަށް، ވީއާއިއޭ ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން ހެދުމުގެ މަސައްކަތް މިހާރު ބަޔާކައި ހަވާލޮކޮށްގެން ކުރިއަށްދާކަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވަނީ ހާމަކޮށްފައެވެ. މިމަސައްކަތާއި ގުޅޭގޮތުން ހޭޔަންބޯ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އައު މާސްޓަރ ޕްލޭނުގައި ގިނަ ކަންކަން ހިމެނޭއިރު މިއަހަރު ސެޕްޓެމްބަރުގެ ނިޔަލަށް އައު މާސްޓަރ ޕްލޭން ލިބޭނެ ކަމަށެވެ.

"އެއަރޕޯޓާއި ގުޅިގެން ޑައުންޓައުން ޑިއުޓީ ފްރީއާއީ، ފްރީ ޒޯނާއި މިކަހަލަ ބައިވަރު ކަންތައް ކުރާނެ. އިރާދަ ކުރެއްވިއްޔާ ސެޕްޓެމްބަރ ނިމޭ ހިސާބު އައު މާސްޓަރ ޕްލޭން އަތައް އަރާނެ. މާސްޓަރ ޕްލޭން އަތައް އެރުމާއެކު އޭގެ ތެރޭގައި ހުރި ވަކި ކޮމްޕޯނެންޓުތަކުގެ މަސައްކަތް ފަށާނެ." ޝަރީފް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރާނެއެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ އެއަރޕޯޓު ބޭނުންކުރާ 95 އިންސައްތަ މީހުންނަކީ ފަތުރުވެރިން ކަމަށެވެ. މިއާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން ބޭނުންކުރާ މި ޓާމިނަލްވެސް އައު ޓާމިނަލާއި އެއްގޮތަށް ރަނގަޅު ފެންވަރެއްގެ ޚިދުމަތްދެވޭ ގޮތަށް ތަރައްޤީ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވި، ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ދިވެހީންގެ ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލާނެ މަޝްރޫޢުއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ކުރިޔަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް އޮންނާނެ ގޮތުގެ މާސްޓަރ ޕްލޭނެއްގެ ދަށުންނެވެ. އެތަކެއް ބިލިޔަން ޑޮލަރުގެ އަގުހުރި މި މަޝްރޫޢު ނިމޭއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު، އެމްއޭސީއެލުން ބުންޏެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފެންވަރެވެ.

މި މަޝްރޫޢުގެ ދަށުން ޑޮމެސްޓިކް ޓަރމިނަލް 35000 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑު ކުރެވޭނެކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ. މިހާރު ޑޮމެސްޓިކް ޓާރމިނަލުން ޚިދުމަތް ދެވެނީ ގަޑިއަކު 300 މީހުންނަށެވެ. ނަމަވެސް މި މަޝްރޫޢު ނިމޭއިރު ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކަށް 8 ގޭޓު ހުންނާނެކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

ރާއްޖޭގެ މައި ދޮރާށި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީކުރަން ފުރަތަމަ ފަހަރަށް މާސްޓަރ ޕްލޭނެއް ހަދާފައިވަނީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ މާސްޓަރ ޕްލޭން ޗަންގީ އެއަރޕޯޓުންވެސް އިތުރަށް ހަރުދަނާކޮށްފައިވެއެވެ.