ކުޅިވަރު

އެފްއޭއެމްގެ ބަޖެޓަކީ 23 މިލިޔަން ރުފިޔާ: ނޯމަލައިޒޭޝަން ކޮމިޓީ


ނޯމަލައިޒޭޝަން ކޮމިޓީން ތައްޔާރުކޮށްފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބަޖެޓަކީ 23 މިލިޔަން ރުފިޔާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފީފާއިން އައްޔަން ކޮށްފައިވާ ތިން މެމްބަރުންގެ ކޮމިޓީގެ ޗެއާމަން އަދި މަޝަހޫރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ ބަޖެޓް ތައްޔާރުކޮށްފައިވާނީ ކޮންމެހެން ބޭނުންވާ ކަންކަން އެކަނި ހިމަނައިގެން ކަމަށެވެ.

"އަޅުގަނޑުމެން ބަޖެޓް ތައްޔާރު ކުރުމުގައި ބެލީ އެންމެ އަސާސީ ކަންކަމަށް. ޒަރޫރީ ކަންކަމަށް. ކިރިޔާ ތަން ހިންގާ ލެވޭ ވަރަށް. ސަބަބަކީ އަޅުގަނޑުމެންނަކީ އަބަދު މިތަން ހިންގާނެ ބަޔަކަށް ނުވާތީވެ. ޒަރޫރީ ކަންކަން ކޮށްލެވޭ ވަރަށް ބަލައިގެން ބަޖެޓް ހެދީމަ ޖުމުލަ އަކީ 23 މިލިއަން ރުފިޔާ،" މުއިއްޒު ވިދާޅުވި އެވެ.

މި ބަޖެޓާއެކު ކުރިއަށް ދާ ނަމަ އެފްއޭއެމުގެ ހުރިހާ ހަރަދަކަށް 22 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހުސްވި އަހަރު ޖުލައި މަހު ފީފާއިން އެކުލަވާލި މި ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެއީ މި މަހުގެ 26 ވަނަ ދުވަހު އެފްއޭއެމުގެ އައު ރައީސަކު ހޮވުމަށް އިންތިހާބު ބާއްވާތީ އެވެ. މި އިންތިހާބަށް ކުރިމަތިލެއްވީ ކުރީގެ ރައީސް އަދި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެކަންޏެވެ. މިހެންވެ އިންތިހާބުގައި އޮންނާނީ އޭނާ އަށް ފެންނަ ނުފެންނަ ވޯޓު ނެގުން އެކަންޏެވެ.

އެފްއޭއެމް ނޯމަލައިޒް ކުރީ އެ އިދާރާގެ މާލީ އަދި އިދާރީ ހިންގުން ގޯސްވެގެން އޭރު ހުންނެވި ރައީސް ބައްސާމް އަދީލް ޖަލީލް 9 މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު އެވެ.