ކުޅިވަރު

މޮރާޓާ އަށް އޭސީ މިލާނުން ފުރުސަތެއް ނެތް


ސްޕޭނަށް ޔޫރޯ ކާމިޔާބު ކޮށްދިން ފޯވަޑް އަދި ކެޕްޓަން އަލްވާރޯ މޮރާޓާ އަށް އޭސީ މިލާނުން ފުރުސަތު ނެތް ކަމަށް އަންގައިފި އެވެ.

ފާއިތުވެދިޔަ ސީޒަނުގެ މެދުތެރެއިން މިލާނުން އޭނާ ތުރުކީގެ ގަލަޓަސަރާއީ އަށް ދޫކޮށްލީ ދެމެހެއްޓެނިވި ގޮތެއްގައި ފޯމު ނުހިފެހެއްޓުމުންނެވެ. ނަމަވެސް ގަލަޓަސަރާއީގައި ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން އެ ކުލަބުން ވަނީ އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރަން ބޭނުންނުވާ ކަމަށް ނިންމައިފަ އެވެ.

މިހެންވެ މޮރާޓާ އަށް ކުޅެން އޮތް ފުރުސަތު ވަނީ ހަނިވެފަ އެވެ. އޭނާ ގެންދަން ބޮޑު ކުލަބަމުން މިހާރު ބޭނުމެއްނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން 32 އަހަރުގެ ފޯވަޑަށް މިހާރު އިޓާލިއަން ލީގުން ފުރުސަތު ލިބުން އެންމެ ގާތީ އޭނާގެ ރަހުމަތްތެރިޔާ ސްޕޭނުގެ ސެސް ފެބްރިގާސް ކޯޗުކޮށްދޭ ކޯމޯ ޓީމުންނެވެ. ނަމަވެސް އެ ޓީމަށް އޭނާ އަށް ކުޅެވޭނީ އޭސީ މިލާނާއެކު މުސާރައިގެ ކަންކަން ނިމޭ ގޮތަކުންނެވެ.

މޮރާޓާ އޭސީ މިލާނާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ. މި ކޮންޓްރެކްޓްގެ ދަށުން އޭނާ އަށް އަހަރަކު ފަސް މިލިއަން ޔޫރޯގެ މުސާރައެއް ލިބެ އެވެ. ނަމަވެސް ކޯމޯ އަށް މި މުސާރަ ނުދެވެ އެޗެ. އެ ކުލަބުން ބޭނުންވަނީ މޮރާޓާ މުސާރަ ކުޑަރުމަށެވެ. އަދި މިލާނާއެކު މުސާރަ ދޭނެ ގޮތުގެ އެއްބަސްވުމަކަށް އައުމަށެވެ. ކޯމޯއިން ބޮޑަށް ބޭނުންވަނީ މޮރާޓާގެ މުސާރައިގެ ބައެއް މިލާނުން ދިނުމަށެވެ. އޭނާ ބަހައްޓަން މިލާނުން ބޭނުން ނުވާނަމަ އެ ކުލަބަށް މި ކަން ކުރަން ޖެހުން ވަރަށް ގާތެވެ.

ސްޕޭނުގެ ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސިވިލާތުގެ ޗެލްސީ އަށް ވެސް ކުޅުނު މޮރާޓާ ވަނީ ސްޕޭނުގެ ގައުމީ ޓީމަށް 86 މެޗުން 37 ގޯލު ޖަހައިދީފަ އެވެ.

ނަމަވެސް ގައުމީ ކޯޗު ލުއިސް ޑެލަފުއެންޓޭ ވަނީ ވާދަވެރި ފުޓްބޯޅަ ގަވާއިދުން ނުކުޅޭނަމަ ގައުމީ ޓީމުން މޮރާޓާ އަށް ވެސް ޖާގަ ނުލިބޭނެކަން ކުޅުންތެރިޔާ އަށް އަންގައިފަ އެވެ. މި ގޮތުން އަންނަ ސެޕްޓެމްބަރު ގައުމީ ޓީމު ކުޅޭ މެޗުތަކަށް މޮރާޓާ ނުނެގުން ގާތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.