ޕާކިސްތާނުގެ ހަނގުރާމަވެރިން އެ ޤައުމުގެ ސަލާމަތީ ބާރުތަކަށް ޙަމަލާ ދިނުމަށް ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.
ޕާކިސްތާނުގެ ފުލުހުންގެ އިދާރާއިން ބުނީ އެ ޤައުމުގެ ހުޅަނގު ދެކުނު ސަރަޙައްދުގައި ސަލާމަތީ ބާރުތަކަށް ބޮން އެޅުމަށް ހަނގުރާމަވެރިން ބޭނުންކުރަނީ އާންމުކޮށް ބާޒާރުތަކުން ލިބެން ހުންނަ ޑްރޯން ކަމަށެވެ. އެއީ އަސްކަރީ ޑްރޯނެއް ނޫނެވެ. ސަލާމަތި ބާރުތަކަށް ހަނގުރާމަވެރިން ޙަމަލާދެނީ ޑްރޯންތަކުގައި އަމިއްލައަށް ތައްޔާރުކުރާ ބޮންފަދަ އެއްޗެހި ހަރުކޮށްގެންނެވެ. އެ ދަފަ ބޮން ތައްޔާރުކުރަނީ ދަގަނޑުކޮޅުކޮޅު، މޮހޮރު އަދި ބޯލް ބެއަރިންގ ފަދަ ފަސޭހައިން ލިބެން ހުންނަ ސާމާނު ބޭނުންކޮށްގެންނެވެ.
ހަނގުރާމަވެރިން މި ފަދަ އުކުޅުތައް ބޭނުންކޮށްގެން ޙަމަލާ ދިނުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ޕާކިސްތާނުގެ ފުލުހުން ވަނީ ސިފަކޮށްފައެވެ. އެ ފަދަ ޙަމަލާތައް ހުއްޓުވުމުގެ ޤާބިލުކަން އަދި އެ ކަމަށް ބޭނުންވާ ވަޞީލަތްތައް ފުލުހުންނަށް ލިބިފައިނުވާ ކަމަށް އެ އިދާރާއިން ދަނީ ބުނަމުންނެވެ.
މި މަހުގެ ކުރީކޮޅު ހަނގުރާމަވެރިން ވަނީ ހަތަރު ފިޔަ ލީ ދެ ކޮޑްކޮޕްޓަރ ޑްރޯން ބޭނުންކޮށް ފުލުހުންގެ މަރުކަޒަކަށް ޙަމަލާ ދިނުމަށް މަސައްކަތްކޮށްފައެވެ. އެ ޙަމަލާގައި އެ ސަރަޙައްދުގައި ހުރި ގެއެއްގައި އިން އަންހެނަކު މަރުވެ ތިން ކުޑަކުދިންނަށް ވަނީ ޒަޚަމްވެފައެވެ. އޭގެ އިތުރުން، އެހެން ފުލުހުންގެ މަރުކަޒަކަށް ޙަމަލާ ދިނުމަށް މަސައްކަތްކުރި ޑްރޯނެއް ވެސް ވަނީ ބަޑިޖަހައި ވައްޓާލައިފައެވެ. ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި މި ފަދަ އަށް ޙަމަލާ ޕާކިސްތާނުގެ ބަންނު އަދި ކައިރި ސަރަޙައްދުތަކުގައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ސަރަޙައްދީ އިސްވެރިޔާ، ސައްޖަދު ޚާން ވިދާޅުވީ ޑްރޯންތައް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ހަނގުރާމަވެރިންނަށް އަދި ނޭނގޭ ކަމަށެވެ. ހަނގުރާމަވެރިން މި ޒަމާނީ ވަޞީލަތްތައް ބޭނުން ކުރަން ދަސްކުރަމުންދާތީ، އަދި އެންމެ އަމާޒުކޮށް ޙަމަލާތައް ނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ އިސްވެރިއެއް ކަމަށްވާ ޒުލްފިގާރު ޙަމީދު ވިދާޅުވީ ޑްރޯންތަކުގެ ސަބަބުން ކުރިމަތިވެފައިވާ އައު ގޮންޖެހުންތަކަށް ކުރިމަތިލުމަށް ބޭނުންވާ ޤާބިލުކަމާއި ވަޞީލަތްތައް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ. ފުލުހުންނަށް ލިބެންހުރި ވަޞީލަތްތަކަށްވުރެ ހަނގުރާމަވެރިންގެ އަތުގައި ހުރި ވަޞީލަތްތައް ވެސް މާ ގިނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ބަންނު ސަރަޙާއްދުގައި ދެމުންދާ ޑްރޯން ޙަމަލާތަކުގެ ޒިންމާ މިހާތަނަށް އެއްވެސް ހަނގުރާމަވެރި ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ. ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ޙަރަކާތްތެރިވާ މައި ހަނގުރާމަވެރި ޖަމާޢަތް ކަމަށްވާ ތަޙްރީކީ ޠާލިބާން ޕާކިސްތާނު، ޓީޓީޕީއިން ވެސް ބުނަނީ އެ ޖަމާޢަތުން ޑްރޯން ބޭނުން ނުކުރާ ކަމަށާއި އެއީ އެ ޖަމާޢަތުން ބޭނުންކުރުމަށް އެދޭ ޓެކްނޮލޮޖީއެއް ކަމަށެވެ.
2024ވަނަ އަހަރު ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ވަނީ އެ ޤައުމުގައި 335 ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި 520 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ އަމިއްލާ ޖަމުޢިއްޔާއެއް ކަމަށްވާ ޕާކިސްތާން އިންސްޓިޓިއުޓް ފޮރ ޕީސް ސްޓަޑީޒުން ވަނީ ބުނެފައެވެ.