ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ޕްރޮގުރާމުގެ ދަށުން 4 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖައްސަވައިފިއެވެ.
ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ޕްރޮގުރާމަކީ އިޖުތިމާޢީ މަޝްރޫޢުތަކާއި ހަރަކާތްތަކަށް އެހީވުމަށް ޚާއްސަކޮށްގެން ޕެންޝަން އޮފީހުން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.
ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ޕްރޮގުރާމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނީ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމާއި ތަމްރީނުދޭ ފަރާތްތަކުން އިޖުތިމާއީ ދުޅަހެޔޮކަމާއި ވިލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކާއި، ފައިނޭންޝިއަލް ލިޓްރަސީ ނުވަތަ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމުތަކަށެވެ.
އިޖުތިމާޢީ މަޝްރޫޢުތަކާއި ހަރަކާތްތަކަށް އެހީވުމަށް ޚާއްސަކޮށްގެން ޕެންޝަން އޮފީހުން ތަޢާރަފްކުރި ސީއެސްއާރު ގްރާންޓް ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އެޕްރީލްމަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.
ޕެންޝަން އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހުނު 4 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
ޕެންޝަން އޮފީހުގެ ސީއެސްއާރު ގްރާންޓު ޕްރޮގްރާމަށް ހޮވުނު ފަރާތްތަކަށް 200،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.
މި ޕްރޮގްރާމްގެ މަޤްޞަދަކީ، ވިލުންވެރި އަދި އެންމެން ޝާމިލުވާ މުޖުތަމުޢެއް ބިނާކުރުމަށް ބޭނުންވާ ތަފާތު ދާއިރާތަކުން އިޖުތިމާޢީ ފެންވަރުގައި ހިންގާ ހަރަކާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހިތްވަރުދިނުން ކަމަށް ޕެންޝަން އޮފީހުން ވިދާޅުވެއެވެ.