މާލެ ސަރަޙައްދުގައި ސަރުކާރުން އިމާރާތްކުރާ 2 ވަޤްފު އިމާރާތް އަޅާދޭނެ ބަޔަކު ހޯދުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
މާލޭގައި އިމާރާތްކުރާ ވަޤްފު އިމާރާތަކީ "ދާރުލް އަރްޤަމް"އެވެ. މި އިމާރާތް އަޅަނީ މާލެ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެކަމަށް އެދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ރަޖިސްޓްރީވާންޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.
ހުޅުމާލޭގައި އިމާރާތްކުރާ ވަޤްފު އިމާރާތް "ދާރުލް ސަލާމް" އިމާރާތްކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646) ގައެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އޮންލައިން ލިންކު މެދުވެރިކޮށް ރަޖިސްޓްރީވާންޖެހޭނެއެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ އޮގަސްޓްމަހުގެ 21 ވަނަ ދުވަހުގެ 11:00ގައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވަޢުދުތަކުގެ ތެރެއިން މުހިންމު އެއް ވަޢުދަކީ ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ވަޢުދެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާކަންވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މީގެކުރިން ވިދާޅުވެފައިވެއެވެ.
ވަޤްފު އިމާރާތްތަކުން ލިބޭ ފައިސާ ޚަރަދުކުރަނީ ދީނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމާއި ވަސީލަތްތައް ޤާއިމުކުރުމަށެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ވަޤްފު އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މިހާރު ރާއްޖޭގައި ހިންގަމުންދާ ހަމައެކަނި ވަޤްފު އިމާރާތަކީ މާލޭގައި ހުންނަ ދާރުލްއިމާނެވެ. އެތަނުން އަހަރަކު 6 މިލިޔަން ރުފިޔާ ވަޤްފު ފަންޑަށް ލިބެއެވެ.