ގެއްލިގެން ހޯދަމުންދާ ހަސަން ޔާމީން ހޯދުމުގެ މަސައްކަތް މެރިން ޕޮލިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގ. ގަރނެޓް އުމުރުން 30 އަހަރުގެ ޙަސަން ޔާމީން ގެއްލިގެން ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު 21:25 ހާއިރު އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔައިރު ކަމަށް ޢައިލާއާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.
މިމައްސަލާގައި އޭނާ ހޯދުމަށް ގިނަ އަދަދެއް ސީސީޓީ ފުޓޭޖް ބަލާ ދިރާސާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ފުލުހުން ބެލިބެލުމުން މިމަހުގެ 13 ވަނަ ދުވަހު ފަތިހު 3:24 ހާއިރު، އޭނާ ސިނަމާލެ ބްރިޖު މަތިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާ ފުންމާލާ މަންޒަފު ސީސީޓީވީ ފުޓޭޖުން ފެނުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކަނޑުމަގުން ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ފުލުހުންގެ މެރިން ޕޮލިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއާއި ގުޅިގެންނެވެ.
ފުލުހުން ވަނީ މިމައްސަލައިގައި ސައްޙަކަން ކަށަވަރުނުކުރެވޭ މައުލޫމާތު ފެތުރުމުން އެއްކިބާވުމަށް މީޑިއާތަކާއި އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން ޢާޢިލާއަށް އިޙްތިރާމްކުރުމުގެ ގޮތުންނާއި މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންދޭ މައުލޫމާތަށް ބަރޯސާވުމަށްވެސް ފުލުހުން އެދިވަޑައިގެންފައިވެއެވެ.