ޚަބަރު

ދުވާމީހުންނަށް މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާގުޅޭ ޚާއްސަ ޕްރޮގްރާމެއް


  • ހަރަކާތް ކުރިއަށްގެންދިޔައީ ސިންތެޓިކް ޓްރެކްގައި

  • ދުވުމާ ކަސްރަތުގައި އުޅޭ ގިނަ ބަޔަކު ބައިވެރިވި

  • ތަފާތު މެސެޖުތަކާ ޝުޢޫރުތައް ވަނީ ފާޅުކޮށްފަ

ދުވާމީހުންނާ ކަސްރަތުކުރާ މީހުންނަށް ޚާއްސަކޮށްގެން، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފުލުހުން ކުރިއަށްގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ މާލޭގެ ސިންތެޓިކް ޓްރެކްގައެވެ.

މި ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ހެޑް އޮފް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ފަސީޙް ވިދާޅުވީ، މިއީ މަގުތައް ބޭނުންކުރާ މީހުން ސަލާމަތާ ރައްކާތެރިކަމުގެ ގޮތުން ސަލާމުކަންދޭންވީ ކަންކަން ހަނދާންކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.

އެގޮތުން މަގުތަކުގައި ވެހިކަލް ދުއްވުމުގައި ސަމާލުކަންދޭންވީ ޓްރެފިކް ޤަވާއިދުތަކާއި، ހިނގާފައި އުޅޭއިރާއި ކަސްރަތާ ގުޅޭ ކަންކަމުގައި މަގުތައް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މަޢޫލޫމާތު ދީފައިވާކަމަށެވެ.

"މި ތަނުގައި ވަރަށް ގިނަ ރައްޔިތުންތަކަކާ އެއްފަހަރާ އެބަ ބައްދަލުވޭ. އެހެންވީމަ ރައްކާތެރިވުމާ ގުޅޭ މެސެޖުތައް ގިނަ ބަޔަކަށް އެބަ ފޯރުކޮށްދެވޭ. މިއީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން ބުނެދީ، ވިސްނައިދީ އަދި ހަނދާންކޮށްދިނުމަށް ގެންދާ ޕްރޮގްރާމެއް." ހެޑް އޮފް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ފަސީޙް ވިދާޅުވިއެވެ.

މި ހަރަކާތުގައި އެތްލެޓިކްއާއި ދުވުމާއި އަދި ކަސްރަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. މިގެތެރޭގައި ޒުވާނުންނާ ކުޑަކުދިންވެސް ބައިވެރިވިއެވެ.

މި ހަރަކާތުގައި ވަނީ ޓްރެފިކް ސަމާލު ދައްކުވައިދޭ އެކި މަސެޖުތައް ދިނުމާއި، ހޭލުންތެރިކަމުގެ މުހިންމުކަމާ ގުޅޭ މެސެޖުތަކާ ޝުޢޫރުތައް ހަރަކާތުގެ ބައިވެރިން ފާޅުކޮށްފައެވެ.

ހޭލުންތެރިކުރުވުމުގެ މި ޕްރޮގްރާމްގައި ވަނީ މަގުމަތީގައި ދުވާ މީހުން، އަނދިރު ވަގުތުތަކުގައި ދުވާއިރު ސަމާލުކަންދޭންވީ ކަންކަމަށްވެސް ހޭލުންތެރިކޮށްފައެވެ. އެގޮތުން، ދުވަން ޚާއްސަކޮށްފަވާ ތަންތަނުގައި ދުވުމާއި، މަގުތަކުގައި ދުވާނަމަ ދުވާރުގައި ދުވުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ދުވުމަށް މަގު ބޭނުންކުރާއިރު ދުއްވާ އުޅަނދުތަކަށް ސަމާލުވެ، މަގުމަތީގެ ގަވައިދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ދާދިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި އެ އިކްސިޑެންޓްގައި ދެން އަނިޔާވި ދެމީހުންގެތެރޭގައި ދުވަސް ގޮސް އުޅުނު މީހަކު ހިމެނެއެވެ.

ފުލުހުންދަނީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހޭލުންތެރިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.