މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫގައި އިމާރާތްކުރުމަށް ހަމަޖައްސާފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ނޫނު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބުދުﷲ ރާފިޢުއެވެ.
ފޮއްދޫ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅާ އެކި ކަހަލަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތަކާއިއެކު ތަރައްޤީކުރާ މި ފިޓްނެސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
ނ. ފޮއްދޫގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އަރިހުގައި މިލަދުންމަޑުލު ދެކުނުބުރިއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފަވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މިލަދުންމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ގިނަ ރަށްތަކެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތްފެށިގެންދާއިރު އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަކީ ސަރުކާރުގެ އަމާޒެކެވެ.