ޗެލްސީން ބޭނުން ނެތިގެން އުޅޭ ފޯވާޑް ރަހީމް ސްޓާލިންއަށް އިޓަލީގެ ޔުވެންޓަސް އާއި ޖަރުމަނުގެ ބަޔާ ލެވަކޫސަންއިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
މި ދެ ކުލަބުން އޭނާ އަށް ޝައުގުވެރިވި ނަމަވެސް ޗެލްސީއާއެކު ރަސްމީކޮށް އަދި މަޝްވަރާ ނުކުރެ އެވެ. ސަބަބަކީ 30 އަހަރުގެ ކުޅުންތެރިޔާ ވިއްކަން ޗެލްސީ ކިޔާ އަގާ މެދު އެއްބަސްނުވެވޭތީ އެވެ.
ޗެލްސީން ސްޓާލިން ގަތީ 2022 ވަނަ އަހަރު މެންޗެސްޓާ ސިޓީ އިންނެވެ. އެއީ 64 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން ހުސްވި ސީޒަނުގައި ލޯނު އުސޫލުން އޭނާ ދޫކޮށްލީ އާސެނަލް އަށެވެ. އެ ކުލަބުގައި އޭނާ އަށް ކުޅެން ފުރުސަތު ލިބުނީ އެންމެ 13 މެޗުގަ އެވެ. އެ ވެސް ފަހުހާފުގައި މަދު ވަގުތުކޮޅަކަށެވެ.
ކުރިން ލިވަޕޫލްގައި މޮޅަށް ކުޅުނު ސްޓާލިން އެންމެ މޮޅަށް ކުޅުނީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީގަ އެވެ. އޭނާ ވަނީ 339 މެޗުން ސިޓީ އަށް 131 ގޯލު ޖަހައިދީފަ އެވެ. އަދި 10 ތަށި އެ ޓީމާއެކު ހޯދި އެވެ.
ސްޓާލިން އަށް ޔޫރަޕުގެ ގަދަ ކުލަބުތަކުން އަދިވެސް ޝައުގުވެރިވާ ސަބަބަކީ އޭނާގެ އުމުރު އަދި 30 ކަމަށްވުމާއި ކުޅުންތެރިޔާ އަދިވެސް މޮޅަށް ކުޅެފާނެ ކަމަށް ގަބޫލު ކުރުމެވެ.