ބަޔާ ލެވަކޫސަންގެ ކެޕްޓަން ސްވިޓްޒަލަންޑުގެ ގްރަނިޓް ޝަކާ ނުވިއްކާނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.
މި ސީޒަނަށް ޓީމާ ހަވާޅުވި ކޯޗު މިހެން ބުނީ ޝަކާ ގަތުމަށް އިނގިރޭސި ބައެއް ކުލަބުތަކުން ޝައުގުވެރިކަން ފާޅު ކުރުމުންނެވެ. އަދި ކުޅުންތެރިޔާ ވެސް ހުރީ އަލުން އިނގިރޭސިވިލާތަށް ބަދަލުވާން ބޭނުންވެފައި ކަމަށް ޖަރުމަނުގެ ނޫސްތަކުން އޭނާގެ އެޖެންޓާ ހަވާލާދީ ބުނަން ފެށުމުންނެވެ. ލެވަކޫސެން އަށް ބަދަލުވުމުގެ ކުރިން އޭނާ އަކީ އާސެނަލްގެ ކެޕްޓަނެވެ.
ނަމަވެސް ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިން ޓެންހަގް ބުނީ ޝަކާ އާއި ލެވަކޫސެންއާ ދެމެދު ތިން އަހަރުގެ އެގްރީމަންޓެއް އެބައޮތް ކަމަށެވެ.
"އޭނާގެ އެޖެންޓަށް ބޭނުން ވާހަކަ އެއް ދެއްކިދާނެ. އެކަމަކު އަހަރުމެން މި ވަނީ މިދިޔަ ސީޒަނަށް ފަހު ޓީމުގެ ވަރަށް މުހިންމު ތިން ކުޅުންތެރިން ވިއްކާލާފައި. އެހެންވީމާ ދެން މި ޓީމުން އިތުރު ކުޅުންތެރިއަކު ވިއްކާ ނުލާނެ. ޒަކާ ވެސް އެއްވެސް ޓީމަކަށް ނުދާނެ. އޭނާ މި ޓީމުގައި ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަހަންނަށް އެބައޮތް،" ޓެންހަގް ބުންޏެވެ.
ލެވަކޫސެން އިން ވިއްކާލި އެއް ކުޅުންތެރިއަކީ ޖަރުމަނުގެ ގައުމީ ޓީމަށް ވެސް ކުޅޭ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް އެވެ. އިނގިރޭސި ރެކޯޑް ފީ އަކަށް އޭނާ ގަތީ ލިވަޕޫލުންނެވެ.
ލެވަކޫސެން އަށް ކުޅުނު ޖަރުމަނުގެ ގައުމީ ޓީމުގެ ޑިފެންޑަރު ޖޮނަތަން ޓާ ބަދަލުވީ ވާދަވެރި ބަޔާން މިއުނިކަށެވެ. މިހެންވެ ޓެންހަގަށް ޖެހިފައިވަނީ މުޅިން އަލުން ބަލުން ޓީމު ބިނާ ކުރުމަށެވެ. އޭނާ ބުނީ އިތުރު ކުޅުންތެރިއަކު ދޫކޮށްލަން ބޭނުން ނުވާ ސަބަބަކީ ޓީމަށް އޭގެ ގެއްލުން ވަރަށް ބޮޑުވާނެތީ ކަމަށެވެ.