ކުޅިވަރު

ލިވަޕޫލަށް ނުދިޔައީ ރަނގަޅު ވަގުތަކަށް ނުވުމުން: ޒުބިމެންޑީ


ލިވަޕޫލަށް ކުޅެން އޭނާ ހުސްވި ސީޒަނުގައި ބަދަލު ނުވީ އެއީ ރަނގަޅު ވަގުތަކަށް ނުވުމުން ކަމަށް ސްޕޭނުގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ލިވަޕޫލާ އެންމެ ވާދަވެރި އާސެނަލް އަށް މި ސީޒަނުގައި ސޮއި ކުރުމަށް ފަހު އެވެ. ޒުބިމެންޑީ ގަތުމަށް ލިވަޕޫލުން މިދިޔަ ސީޒަނުގައި ވަރަށް މަސައްކަތް ކުރި އެވެ. އެކަން ކާމިޔާބު ނުވީ އެންމެ ފަހު ވަގުތު ކުޅުންތެރިޔާ ނޫނެކޭ ބުނުމުންނެވެ.

"ކޮންމެ ޓީމަކުން އޮފާއެއް ލިބުނަސް އެންމެ ފުރަތަމަ ކުރަން ޖެހޭ ސުވާލުތަކެއް ހުރޭ. އެ ގޮތުން އަހަރެން ކުރަން ޖެހުނު އެއް ސުވާލަކީ އެއީ ރެއާލް ސޮސިއޭޑާޑް ދޫކޮށްލަން ރަނގަޅު ވަގުތެއްތޯ. އެކަމަކު އެ ސުވާލުގެ ޖަވާބުގައި އަހަރެންނަށް ވިސްނުނީ އެއީ ރަނގަޅު ވަގުތެއް ނޫން ކަމަށް،" ޒުބިމެންޑީ ބުންޏެވެ.

އޭނާ ބުނީ މި ސީޒަނަށް އާސެނަލް އިން އޭނާ ގަންނަން ހުށަހެޅުމުން އެ ކަމަށް އާއެނކޭ ބުނީ ވެސް ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި ކަމަށެވެ. މި ގޮތުން ކުޅެން ފުރުސަތު ލިބޭނެ ޓީމެއްތޯ އާއި ތައްޓަށް ވާދަކުރާ ފެންވަރުގެ ޓީމެއްތޯ ކަށަވަރުވުމުގެ އިތުރަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އަކީ ވެސް އޭނާ ސޮއި ކުރި ސަބަބެއް ކަމަށެވެ.

"އަހަރެން ބޭނުންވީ ރެއާލް ސޮސިއެޑާޑް ދޫކޮށްލާއިރު މޮޅު ކޯޗަކާއެކު މަސައްކަތް ކުރަން. އާޓެޓާ އަކީ އަހަރެން ދެކޭ ގޮތުގައި ޔޫރަޕުގެ އެންމެ މޮޅު އެއް ކޯޗު. މިއީ އަހަރެން އާސެނަލް އަށް ސޮއި ކުރަން ނިންމި މުހިންމު ސަބަބެއް،" ޒުބިމެންޑީ ބުންޏެވެ.

އޭނާ ބުނީ ފާއިތުވެދިޔަ އަހަރުތަކުގައި ތަށިތަކެއް ނުލިބުނު ނަމަވެސް ހުސްވި ސީޒަނުގައި ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ފްރާންސްގެ ޕީއެސްޖީ އަށް އެންމެ ރަނގަޅު ފައިޓެއް ދީފައިވާ ޓީމަކީ ވެސް އާސެނަލް ކަމަށެވެ. މިހެންވެ ކުރިމަގުގައި ތައްޓާ ހަމައަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.