ތާރީޚީ ހެކިތަކަށް ބަލައި، މިނިވަންކަމުގެ މާނައަށް ފިކުރު ހިންގުމުން، އަޅުގަނޑުމެންނަށް ޔަޤީން ވާނީ، ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މިނިވަން ދައުލަތެއްކަމެވެ. އިނގިރޭސި ވިލާތުން އެކަން ތަފާތު އެގްރީމަންޓްތަކުގައި ބަޔާންކޮށްފައި ވެއެވެ. އިނގިރޭސި ހައުސް އޮފް ލޯޑްސް ގައި އެގޮތަށް ބުނެފައިވާކަން ރެކޯޑްތަކުން ކަށަވަރު ވެއެވެ.
މިނިވަންކަމަށް 60 އަހަރު ފުރުނުއިރު މި ދިގުތާރީޚުގައި މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތީވެސް ސަބަބުތަކެއް ނެތިއެއްނޫނެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ތަފާތު އެތައް ކަންތައްތަކެއް އަޅުގަނޑުމެންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ދިވެހިންގެ ފަޚުރުވެރި ދިވެހި ބަހާއި، ދެވެހީންގެ ޒަމާންވީ ތާރީޚާއި އަޅުގަނޑުމެންގެ ޘަޤާފަތުގެ ފުރިހަމަކަމެވެ. މިގޭ 1700 އަހަރުކުރިން ރޫމީންގެ ތަރީޚުން ފެންނަގޮތުގައި އޭރުވެސް ދިވެހިންނަކީ ވަކި ބައެކެވެ. އަވައްޓެރި ބައެއް ޤައުމުތަކުގެ މީހުންގެ ސިފައާއި ސޫރަ އެއްގޮތްނަމަވެސް ދިވެހިންނަކީ އަބަދުވެސް ވަކި ބައެކެވެ.
ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހިންނަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި މީހުންނަށްވުރެ ތަފާތުބައެއްކަން ރާއްޖޭގެ ކޮންމެ ކަންކޮޅަކަށް ބަލާލިނަމަވެސް އެކަން ފާހަގަކުރެވޭނެއެވެ. ޤައުމުތަކުގައި ތަފާތު ކަންކަން ގިނަވިވަރަކަށް ބައިބައިވުންތައް އިތުރުވެއެވެ. އެގޮތަށް ބަލާއިރު ޤައުމެއްގައި ދީންތައް ގިނަވިވަރަކަށް ބައިބައިވުންތައް އިތުރުވެގެން ދެއެވެ. އެހެންނަމަވެސް ދިވެހިންނަކީ އެކަންކަމާވެސް ތަފާތު ބައެކެވެ. އިސްލާމްދީނަށް ތަބާވުމުގެ ކުރިންވެސް ދިވެހިން ތިބީ އެއް ދީނެއްގެ މަތީގައެވެ. އަދި ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ބަދަލުވިއިރުވެސް ދިވެހިންތިބީ އެއްބައެއްގެ ގޮތުގައެވެ.
އަރަބި ބަހާއި އުރުދޫބަހުން އުފެދިގެން ސާންސްކްރިތު ބަހުން އައި ދިވެހި ބަހަކީ ވާހަކަ ދެއްކުމަށާ ލިޔުމަށާ، ކިޔުމަށް އަދި ބުނެދިނުމުގެ ހަމަތަކެއް ހިމެނޭގޮތައް އޮތް ބަހެކެވެ. ދިވެހިރާއްޖޭ މިނިވަންޤައުމެއްގެ ގޮތުގައި އޮތުމުގެ މަޞްދަރުތަކުގައި ހިމެނޭ ދިވެހިބަހަކީ ދިވެހިންގެ މާދަރީބަހެވެ. އެއީ ދިވެހިންގެ އަމިއްލަވަންތަ ބަހެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން މި ރާއްޖޭގައި އުޅުނު މީހުން ވާހަކަދައްކަމުން އައި ބަހެވެ. ހަމައެކަނި މި ބަހަށް ޚާއްސަ އަކުރުތަކަކާއި އަޑުތަކެއްވެއެވެ. ދިވެހި ބިމާއި ކަނޑާއި ފަޅުތައް އެންމެ ރީތިކޮށް ސިފަކޮށްދެވޭނީ މި ބަހުންނެވެ. ދިވެހިންގެ އުޅުންތަކާއި ސަގާފަތާއި އާދަކާދަ އެންމެ ރީތިކޮށް ބަޔާންކޮށްދެވޭނީވެސް ދިވެހިބަހުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނަށް ބެލިނަމަވެސް ދިވެހި ބަހުން ވާހަކަދައްކަން ނޭގެނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެކި ސަރަޙައްދުތަކުގައި ވާހަކަދެއްކުމުގެ ބަހުރުވަ ތަފާތުވިނަމަވެސް އެންމެންގެވެސް ބަހަކީ ދިވެހި ބަހެވެ. އެހެންކަމުން މާޒީއާއި މިއަދު އަދި މާދަމާވެސް ދިވެހީންގެ ގޮތުގައި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ސިއްރަކީ ދިވެހި ބަހެވެ.
ޘަޤާފަތާއި، އާދަކާދައަކީ ޤައުމެއްގެ، މުޖުތަމައެއްގެ އަހުލުވެރިންގެ ދިރިއުޅުން ބިނާކުރުމުގައި ކޮށްއުޅޭ މަސައްކަތާއި ގެންގުޅޭ ހުނަރުވެރިކަމާ، އަދި އެބައެއްގެ މެދުގައި އޮންނަ ދީނީ، ޘަޤާފީ އަދި މަދަނީ އާދަކާދައެވެ. ދިވެހީންގެ މެދުގައި މިހާތަނަށް މިއޮތް ޘަޤާފަތާއި، އާދަކާދައަކީ ދިވެހިންގެ ފަޚުރެވެ. ބޭރުގެ އެތަކެއް ބަޔަކު ދިވެހިންގެ އާދަކާދަ ޘަޤާފަތް ތަޖުރިބާ ކުރަން އާދެއެވެ.
ދިވެހިންގެ ޘަޤާފަތް އެކި ދާއިރާތަކުން ފެންނަން އެބަހުއްޓެވެ. ދިވެހިން ކެއިން ބުއިމުގެ ކަންކަމާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި އެކި ކަހަލަ ދުވަސްތައް ފާހަގަކުރުމުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނާނީ އެއް ޘަޤާފަތެވެ. މިސާލަކަށް ދަންނަވަނާމަ އެކި ދުވަސްތައް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގައިވެސް މުޅި ރާއްޖޭގައި ކުރިއަށްގެންދާނީ އެއް ހަރަކާތްތަކެވެ. މިނޫނަސް އެތައްކަމެއް ދިވެހިންގެ ޘަޤާފަތުގައި ހިމެނެއެވެ. ދިވެހިން ދިރިއުޅެމުން އައިސްފައިވަނީ ދިވެހިންގެ ގޮތުގައެވެ. މަސްވެރިކަން ކުރަން ގެންގުޅުނީ އަމިއްލަޔަށް ތައްޔާރުކުރި އުޅަނދު ތަކުގައެވެ. ކައިބޮއެ އުޅުނީ އަމިއްލަަޔަށް ދަނޑު ހައްދައިގެން ލިބޭ ތަކެތީންނެވެ. އެހެން ކަމުން ދިވެހިންނަކީ އަމިއްލަވަންތަކަމަކާއި އަމިއްލަ ސަޤާފަތެއް އޮތް ބައެކެވެ.
ދިވެހިންނަކީ ވަކި ތާރީޚެއް އޮތް ބައެކެވެ. ދިވެހި ތާރީޚަށް ބަލާއިރު އެތައް ޙާދިސާތަކެއް ހިގާފައި އެބަހުއްޓެވެ. އަދި އެތައް ބިނާ އެއް ފެންނާން އެބަހުއްޓެވެ. މި ބިނާތަކުން ދިވެހިންގެ މަސައްކަތްތެރިކަމާއި ދިވެހިގެންގެ ހުނަރުތައް ދައްކުވައިދެއެވެ. ރާއްޖޭގެ ކޮންމެ ރަށަކަށް ނަޒަރު ހިންގާލިނަމަވެސް ދިވެހިންގެ ތާރިޚުން އެކި ފިލާވަޅުތައް ލިއްބައިދޭނެއެވެ.
ދިވެހިން ބުދު ދީނަށް އުޅުނުއިރު ކޮށްފައި ހުރި މަސައްކަތްތަކާއި އިސްލާމުވުމަށްފަހު އައިސް ހުރި ބަދަލުތަކެވެ. އެވާހަކަތައް އެ ތަންތަން ރައްކާކުރެވިފައި އެބަހުއްޓެވެ. ހަމައެކަނި ރާއްޖޭގައި އަކަނި ނޫނެވެ. ދުނިޔޭގެ އެކި ގެލަރީތަކުގައިވެސްމެއެވެ.
މި ހުރިހާ ކަންކަމަށް ނަޒަރު ހިންގާލާއިރު މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމުގެ މައިގަނޑު ސަބަބުތަކަކީ ދިވެހި ބަހާއި ދިވެހިންގެ ތާރީޚާއި ދިވެހިންގެ ޘަޤާފަތްކަމާމެދު ދެބަސްވާނެ ބަޔަކު ނުތިބޭނެއެވެ.