ޚަބަރު

ވޮލީ ކުރިއެރުވޭނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަައް ރާއްޖޭގައި ބޭއްވިގެން: ލަތީފް


ރާއްޖޭގެ ވޮލީބޯޅަ ކުޅުންތެރިންގެ ފެންވަރު މަތިކޮށް، އެ ކުޅިވަރު ކުރިއެރުވޭނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަައް ރާއްޖޭގައި ބޭއްވިގެން ކަމަށް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކާވާގެ އަދި ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ ރައީސް މިހެން ވިދާޅުވި ރާއްޖޭގައި ބޭއްވި ކަވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ލަތީފް ވިދާޅުވީ ރާއްޖޭގެ ވޮލީބޯޅަ ކުރިއަރާނީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ގިނައިން ބޭއްވުމާއި، ރާއްޖޭން ބޭރަށްގޮސް ކުޅުމުގެ ފުރުސަތު ގިނައިން ކުޅުންތެރިންނަށް ލިބިގެން ކަމަށެވެ.

މިއަހަރު ރާއްޖޭގައި ބޭއްވި ކާވާ މުބާރާތަކީ ވަރަށް ހާއްސަ މުބާރާތެއް ކަމަށާއި، ސަބަބަކީ މި މުބާރާތުގެ ޗެމްޕިއަން ޓީމު ކުރިޔަށް އޮތް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ޗެމްޕިއަންސް ލީގަށް ކޮލިފައިވެފައިވާތީ ކަމަށް ލަތީފް ވިދާޅުވިއެވެ.

ކާވާ ޗެމްޕިއަންސް ލީގުގައި ވާދަކުރި ދިވެހި ކުލަބުތަކާއި ގުޅޭ ގޮތުން ލަތީފް ވިދާޅުވީ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީގެ ކުޅުންތެރިންވެސް ވަރަށް ބޮޑަށް ހިތްވަރު ކުރި ކަމަށެވެ. އެހެންނަމަވެސް މިއަހަރު ސީޒަން ދިޔަގޮތުން ގާތްގާތުގައި މުބާރާތްތައް ކުޅެން ޖެހުމުން ދިވެހި ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައިކަމަށާއި އެކަމުގެ އަސަރު މުބާރާތަށް ކުރިކަމަށެވެ.

ކާވާ މުބާރާތުގައި ދިވެހި ކުޅުންތެރިންނަށް ކާމިޔާބީއާއި ހަމައަށް ވާސިލުނުވެވުނީ ކުޅުންތެރިން މާ ބޮޑަށް ވަރުބަލިވެ އަނިޔާގެ މައްސަލަތަކާއި ކުރިމަތިވުމުން ކަމަށް ލަތީފް ވިދާޅުވިއެވެ.

"މިއަހަރުގެ ސީޒަން ދިޔަގޮތުން ކުޅުންތެރިން ތިބީ ވަރަށް ޓަޔަޑްވެފަ. ވަރަށް ގިނަ ކުޅުންތެރިން އިންޖަރީވުމާއި ވަރުބަލިކަމުގެ ސަބަބުން މި މުބާރާތުގައި ދިވެހި ޓީމުތަކަށް ކާމިޔާބީއާއި ހަމައަށް ވާސިލުނުވެވުނީ" ލަތީފް ވިދާޅުވިއެވެ.

ރާއްޖޭގައި ކާވާ ޗެމްޕިއަންސް ލީގު ވަރަށް ފޯރީގައި ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވުނުކަން ފާހަގަ ކުރައްވާ ލަތީފް ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރު ވުޒާރާއިން ދެއްވި އެއްބާރުލެއްވުމާއި އެކު ކާމިޔާބުކަމާއެކު ނިންމާލެވުނު މުބާރާތެއް ކަމަށެވެ.

ރާއްޖޭގައި ކާވާގެ މުބާރާތް ކާމިޔާބުކަމާއެކު ބޭއްވުނީ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށާއި ކާވާގެ ހުރިހާ ގައުމެއްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ކާވާގެ ރައީސް ވިދާޅުވިއެވެ.

ޖުލައި 17-23 އަށަ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށް ގެންދިޔަ ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދީ ކަޒަކިސްތާނުގެ ޒައިކް ވީސީ އެވެ.

މި މުބާރާތުގައި ވާދަކުރީ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީއާއި ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޕޯޓްސް އޮތޯރިޓީއާއި ކިރިގިސްތާނުގެ ބިޝްކެކް އަދި ކަޒަކިސްތާނުގެ ޒައިކްއެވެ.