ކުޅިވަރު

މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ


ޗައިނީޒް ތައިޕޭ އަތުން ބަލިވެ ދިހަވަނަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި އިތުރަށް ކުރިޔަށް ދިއުމުގެ އުއްމީދު ރާއްޖެއަށް ގެއްލިއްޖެއެވެ.

 ތައިލެންޑްގައި މިހާރު ކުރިޔަށްދާ މިމުބާރާތުގައި ރާއްޖެ ކުޅުނު ތިންވަނަ މެޗްގައި ޗައިނީޒް ތައިޕޭ އަަތުން ބަލިވީ 46 ޕޮއިންޓް 15 ޕޮއިންޓުންނެވެ. މެޗުން ބަލިވިނަމަވެސް މިމެޗަކީ މިމުބާރާތުގައި ރާއްޖޭގެ ޓީމް އެންމެ ރަނގަޅަށް ޑިފެންސްކޮށް ކުޅުނު މެޗްކަން ފާހަގަކޮށްލަންޖެހެއވެ. ޚާއްސަކޮށް ރާއްޖޭގެ ޓީމްގެ ފަހަތަށް ކުޅޭ އައިމިނަތު ރަބާބް އިބްރާހީމްގެ ކުޅުން ޓީމްގެ ކޯޗްވެސް ފާހަގަކުރިއެވެ. 

ރާއްޖެ ޓީމްގެ ކޯޗް ފަޒްނާ ޖަލީލްބުނީ މިއަދުގެ މެޗަކީ މޮޅުވެވޭ ވަރުގެ މެޗެއް ކަމަށާއިނަމަވެސް އެހާ ބޮޑު ތަފާތަކުން ބަލިވާންޖެހުނީ ރަނގަޅަށް ޝޫޓް ނުކުރެވިގެން ކަމަށެވެ. މެޗް ފަށައިގެންއައީ ވަރަށް ހަމަހަމަކޮށް ކަމަށާއި ނަމަވެސް ފަރަޤު ބޮޑުވީ މެޗްގެ ވަކި ހިސާބަކުން ކަމަށް ކޯޗް ފަޒްނާބުންޏެވެ.

މިމުބާރާތުގައި ރާއްޖެ ކުޅެންޖެހޭ ފަހުމެޗްގައި މާދަމާ ނިކުންނާނީ މުބާރާތުގެއެންމެ ވަރުގަދަ އެއްޓީމްގެ ގޮތުގައި މިހާތަނަށް ފެނުނު ސިންގަޕޯއާ ދެކޮޅަށެވެ.މިމުބާރާތަކީ ސަރަޙައްދުގެ ޤައުމުތައް ރޭންކްކުރާ މުބާރާތެއްކަމުން މުބާރަތުގެއެންމެ ފަހު ދުވަހު ރޭންކިންގ މެޗްތައް ކުރިޔަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.އެހެންކަމުން މުބާރާތުން ރާއްޖެ ކެޓި ނަމަވެސް ސަރަޙާއްދުގެ ރޭންކިންގައި ކުރިޔަށްޖެހިލުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ.

 މިމުބާރާތުގައި ޖުމްލަ 10 ޓީމް އަންނަނީވާދަކުރަމުންނެވެ.