ކުޅިވަރު

އެފްއޭއެމްގެ ރައީސް ހޮވުން މިނިވަން ދުވަހުގެ ހަވީރު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބީ ކޮންގްރެސް ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމަށްވާ މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.

މި ކޮންގްރެސް އަށް ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާ ފީފާ އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން އޭއެފްސީގެ ޓީމުތަކުން ވެސް މިހާރު ވަނީ މާލެ އައިސްފަ އެވެ.

މި ފަހަރުގެ އިންތިހާބަށް ކުރިމަތިލެއްވީ ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) އެކަންޏެވެ. މިހެންވެ މިއަދުގެ ކޮންގްރެސްގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރަށް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ މަގާމު ފެންނަ ނުފެންނަ ވޯޓު ނެގުމެވެ. ޓޮމް ރައީސް ކަމަށް ކުރިމަތިލެއްވީ އިންތިހާބުގައި ވޯޓު ދެވޭ ހުރިހާ ކުލަބެއްގެ ތާއީދާއެކުގަ އެވެ.

ގައުމީ ޓީމަށް މޮޅަށް ކުޅުނު ފޯވަޑް ޓޮމް ވަނީ 2015 ވަނަ އަހަރު އެފްއޭއެމުގެ ރައީސްކަން ހަތަރު މަސް ދުވަހު ކޮށްފަ އެވެ. އެ ފަހަރު އޭނާގެ މަގާމު ގެއްލުވާނީ އޭނާގެ އެކްސްކޯގެ މެޖޯރިޓީ އިސްތިއުފާ ދީގެންނެވެ.

ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި ވީބީ އަށް ކުޅުނު ޓޮމް އަށް މި ފަހަރު ރައީސްކަން މި ލިބުނީ ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް އަޑިއަޅާލާފައިވާ ވަގުތެއްގަ އެވެ. އެއީ އެފްއޭއެމުގެ ހުސްވި މެނޭޖްމަންޓުން ހާއްސަކޮށް ރައީސް ބައްސާމް އަދީލް ޖަލީލްގެ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެފްއޭއެމް ވަރަށް ބޮޑަށް ދަރާފައިވަނިކޮށެވެ. މިހާތަނަށް ލަފާކޮށްފައިވާ ގޮތުންނަމަ އެފްއޭއެމުގެ ދަރަނި ވަނީ 150 މިލިއަނަށް އަރައިފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ ވެސް މިހާރު ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

މީގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އަށް ދެއްވި އިންޓަވިއުގައި ޓޮމް ވިދާޅުވީ އޭނާ އުއްމީދު ކުރަނީ އެއް އަހަރު ތެރޭގައި އެފްއޭއެމް އާއްމު ހާލަތަށް ގެނެވޭނެ ކަމަށެވެ.