ބާސެލޯނާގެ ކެޕްޓަންކަން ކުރަމުންދާ ޖަރުމަނުގެ މާކް-އަންދްރޭ ޓާ ސްޓެގަން އަތުން ކެޕްޓަން ބޭންޑް އަތުލަން އެ ކުލަބުން ނިންމައިފިއެވެ.
މި ގޮތަށް ނިންމީ ބާސެލޯނާގެ ނުގަބޫލުގައި އުނަގަނޑުގެ އޮޕަރޭޝަނެއް ކުރަން ނިންމައި އެކަން އިއުލާނު ކުރުމުންނެވެ. މި ކަމުގައި ބާސެލޯނާ ބޮޑަށް ހިތްހަމަ ނުޖެހުނީ މި އޮޕަރޭޝަނަށް ފަހު ތިން މަސް ތެރޭގައި އަލުން އަނބުރާ ކުޅެން ނުކުމެވޭނެ ކަމަށް ޓާ ސްޓެގަން ބުނުމުންނެވެ. އޭނާ މި ގޮތަށް އިއުލާނު ކުރީ ހަތަރު މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަނަމަ ބާސެލޯނާ އަށް އޭނާގެ މުސާރައިގެ 80 އިންސައްތަ އެހެން ކުޅުންތެރިން ރަޖިސްޓަރީ ކުރަން ލިބޭނެތީވެ އެ ފުރުސަތު ނުދޭން ވެގެންނެވެ. ނަމަވެސް ކުލަބުން ބޭނުން ވެއްޖެނަމަ ޓާ ސްޓެގަން އަނިޔާގައި ހުންނާނީ ތިން މަސް ދުވަހު ނޫންކަން ސާބިތު ކޮށްދިނުމުގެ އިހްތިޔާރު ލިބިފައިވެ އެވެ.
ހުސްވި ސީޒަނުގައި އެއްކޮށް އަނިޔާގައި ހުރުމާއެކު ބާސެލޯނާއިން މިހާރު ބޭނުންވަނީ ޓާ ސްޓެގަން އެ ކުލަބު ދޫކޮށް ދިއުމަށެވެ. ނަމަވެސް އުމުރުން 33 އަހަރުގެ ކީޕަރު މި ގޮތެއް ބޭނުމެއްނުވެ އެވެ. އޭނާ ބޭނުންވަނީ ކުލަބުގައި ދެމި ހުރުމަށެވެ. ޓާ ސްޓެގަން އާއި ބާސެލޯނާއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ތިން އަހަރު އެބައޮތެވެ.
އެނަ އަތުން ކެޕްޓަންކަން އަތުލަން ނިންމި އަނެއް ސަބަބަކީ ހުސްވި ސީޒަނުގައި މުޅިން ނުކުޅެ ހުރުމާއި އޮޕަރޭޝަން ކުރަން ޖެހުމުން އިތުރު ހަތަރު މަހެއްހާ ދުވަސް ނުކުޅެ ހުންނަން ޖެހުމާ ވެސް އެކުގަ އެވެ.
ޓީމުގެ ވައިސް ކެޕްޓަނުންގެ ގޮތުގައި މި ވަގުތު ތިބީ އުރުގުއޭގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އާއި ނެދަލޭންޑްސްގެ މިޑްފީލްޑަރު ފްރޭންކީ ޑިޔޮންގް އާއި ސްޕޭނުގެ މިޑްފީލްޑަރު ޕެޑްރޯ އާއި ބްރެޒިލްގެ ފޯވަޑް ރަފީނިއާ އެވެ. މިހެންވެ ދެން ކެޕްޓަންކަން ލިބުން އެންމެ ގާތީ މިއިން ކުޅުންތެރިއަކަށް ކަމަށް ބެލެވެ އެވެ. ވައިސް ކެޕްޓަނުންގެ ޓީމަށް ދެން އިތުރުވާނީ ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އާއި ސްޕޭނުގެ ލަމީން ޔަމާލް އާއި ޑިފެންޑަރު އިނިގޯ މާޓިނޭޒް ކުރެ ކުޅުންތެރިއެކެވެ.