ކުޅިވަރު

މެސީ އާއި އަލްބާ ސަސްޕެންޑް ކޮށްފި


އެމެރިކާގެ އިންޓަރ މަޔާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ސްޕެއިންގެ ޑިފެންޑަރު ޖޯޑީ އަލްބާ ސަސްޕެންޑް ކޮށްފިއެވެ.

މި ސަސްޕެންޝަނުގެ ސަބަބުން އެމެރިކާ ލީގުގައި މަޔާމީ ކުޅޭ އެއް މެޗު މި ދެ ކުޅުންތެރިންނަށް ވެސް ގެއްލޭނެ އެވެ.

އެމެރިކާ ލީގުން މި ދެ ކުޅުންތެރިން ސަސްޕެންޑް ކުރީ އެ ކުޅުންތެރިން މޭޖަރ ލީގު ސޮކަރ އިން އިންތިޒާމް ކުރާ އޯލް ސްޓާ ޓީމުގެ މެޗުގައި ކުޅެން ދެކޮޅު ހެދުމުންނެވެ. ލީގުން ނިންމީ މި ދެ ކުޅުންތެރިން މެޗުގައި ކުޅެން ނިންމިއިރު އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ.

ނަމަވެސް މަޔާމީގެ ކޯޗު ހާވިއާ މަޝެރާނޯ ވަނީ މި ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ އޯލް ސްޓާ ޓީމުގެ މެޗެއް ކުޅުމަކީ ގޯސް ކަމެއް ނޫން ކަމަށެވެ. ނަމަވެސް ސީޒަނުގެ މެދުތެރެއިން ޓީމުތަކުގެ ތައްޔާރީތަކަށް ނޭދެވޭ އަސަރު ކުރާ ގޮތަށް މި މެޗު ކުޅުން ރަނގަޅު ނޫން ކަމަށެވެ.

"މެސީ މި މެޗުގައި ކުޅެން ނިންމީ އޭނާ އަށް އުނދަގޫތަކެއް ހުރުމުން. ކޮންމެ ތިން ދުވަހަކުން މެޗު ކުޅޭއިރު ކުޅުންތެރިންނަށް ހާނިއްކަވާނެ. ނަސީބަކުން އޭނާ އަދި ބަރާބަރަށް އެ ދަނީ މެޗުތައް ކުޅެމުން. އެކަމަކު އޭނާ އަށް ހާނިއްކައިގެ މައްސަލަތަކެއް ހުރުމާއެކު މި މެޗުގައި ނުކުޅެން ނިންމީ،" މަޝެރާނޯ ބުންޏެވެ.

ނަމަވެސް ލީގުން ބުނީ ކުޅުންތެރިން ސަސްޕެންޑް ކުރީ ލީގުގެ ގަވާއިދުގައި މި މެޗަށް ނަގައިފިނަމަ ސަބަބެއް ނެތި މެޗު ނުކުޅެ ހުރެގެން ނުވާނެ ކަމަށް ބުނެފައިވާ މާއްދާގެ ދަށުން ކަމަށެވެ.
އިންޓަ މަޔާމީން ބުނީ މި ސަސްޕެންޝަނުގެ ސަބަބުން އެ ކުލަބުން މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުވަން ކުރާ މަސައްކަތަކަށް ހުރަސް ނޭޅޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރާ ކަމަށެވެ.

އުމުރުން މިހާރު 39 އަހަރުގެ މެސީ މިހާރު ކުޅެމުންދަނީ ބޮޑު އަނިޔާއެއް ނުވެ ހުރެވޭނެ ގޮތަށެވެ. ސަބަބަކީ އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގައި ކުޅެން އޭނާ ބޭނުންވާތީ އެވެ.