ސިއްޙީ ދާއިރާއިން ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިޔާއިން މަޝްވަރާކުރައްވައިފިއެވެ. މިމަޝްވަރާތައް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރު ވަނީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި، ދެ ޤައުމުން ހިއްސާކުރާ ތާރީޚާއި، ފަރުދީ ފެންވަރުގެ ޒަމާންވީ ގުޅުންތަކުގެ މަތީގައި ބިނާކޮށްފައިވާ ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން، ޤާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކަށް އިސްކަންދިނުމާއި، ޒުވާނުންނަށް ބޭނުންވާ ވަސީލަތްތައް ތަރުތީބުކޮށްދީގެން ޒުވާނުން ބާރުވެރިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި، ސިއްޙީ ދާއިރާއިން ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބޮޑުވަޒީރު ވަނީ، ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމާއި، ދެ ޤައުމަށްވެސް ފައިދާކުރަނިވި މަސައްކަތްތައް ކުރިއެރުވުމުގެ އަޒުމުގެ މަތީ ސާބިތުވެ ތިއްބެވިކަން ހާމަކުރައްވާފައެވެ.