ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޓީ20 ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީން ހޯދައިފިއެވެ.
މި އަހަރުގެ ޓީ20 ލީގުގެ ފަހު މެޗު ސީބީއެލްއާ ވާދަކޮށް މިލާން ކާމިޔާބު ކުރީ ތިން ވިކެޓުންނެވެ. މާލެ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކްރިކެޓް ދަނޑުގައި ކުޅުނު މެޗުގައި ގުރުދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ.
ސީބީއެލް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 176 ލަނޑުއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 66 ލަނޑު ހެދި ޕިޔާލާ ކުމާރާ ވިޖޭސިންހައެވެ. މި އިނިންގްސްގަ މިލާންގެ އަހުމަދު އަމީލް ވަނީ ދެ ވިކެޓް ނަގާފައެވެ.
ޖަވާބުގައި މިލާން ކުޅެންއަރާ 20 ވަނަ އޯވަރުގައި 7 ކުޅުންތެރިން ނުބައިވެގެން 178 ލަނޑުހަދާ މެޗު ކާމިޔާބު ކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 54 ބޯޅައިން 62 ލަނޑު ހަދާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔޫސުފް އަޒިޔާންއެވެ.
މިމެޗްގައި އެންމެފާހަގަކޮށްލެވުނު އެއް ކުޅުންތެރިއަކީ ލީމް ސަފީގްއެވެ. ލީމްވަނީ 4 އޯވަރު 25 ލަނޑަށް އުކާ މެޗް ބަދަލުކޮށްލުމުގައި ވަރަށް ފުރިހަމަ ރަންއައުޓެއް އަމިއްލަ އުކުމުގައި ކޮށް، މިލާންއަށް އެންމެ ލަނޑު ހަދަން ބޭނުންވެފައިވީ ވަގުތު 9 ބޯޅައިން 19 ލަނޑުހަދާފައެވެ.
މި މޮޅާއެކު މިލާން ކްރިކެޓް އެކަޑަމީ ވަނީ ލީގްގައި ކުޅުނު 5 މެޗް ކާމިޔާބުކޮށް ލީގްގެ ޗެމްޕިއަންކަން ހޯދާފައެވެ. މުބާރާތުގައި ހުކުރު ދުވަހު މެންދުރު ކުޅުނު މެޗުން އޮފް އެފްސީއާއި ބައްދަލުކޮށް 101 ލަނޑުން މޮޅުވީ މާލޭ ސްޕޯރޓްސް ކްލެބެވެ. މި މޮޅާއެކު މާލެ ސްޕޯޓްސް ކުލަބުން ވަނީ ގައުމީ މުބާރާތުން ޖާގަހޯދާފައެވެ.
ޕްރެޒިޑެންޓްސް ކަޕުން ދެން ޖާގަ ހޯދީ ލީގު ޗެމްޕިއަން މިލާން އާއި ދެވަނަ ހޯދީ ސީބީއެލްގެ އިތުރުން ނިއުސްޓާރއެވެ.
ފައިނަލު މެޗަށްފަހު ލީގު ޗެމްޕިއަން ޓީމަށް އިނާމް ދެއްވީ ކުރީގެ ކްރިކެޓް ބޯރޑުގެ ރައީސް އަލްފާޝިލް އަހުމަދު ހަސަން ދީދީއެވެ. މީގެ އިތުރުން ރައީސް މުހަންމަދު ފައިސަލް، ނާއިބު ރައީސް އަހުމަދު އިސްހާގާއި ބައެއް މެމްބަރުން ބައިވެރިވިއެވެ.