ޚަބަރު

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް، އަޙްމަދު ސަލީމަށް


  • ސަލީމް ވަނީ 57 އަހަރު ދައުލަތަށް ޚިދުމަތް ކުރައްވާފައި

  • 35 އަހަރު ޚިދުމަތް ކުރެއްވީ ޚާރިޖީ ދާއިރާގައި

  • ސަލީމް ވަނީ ރާއްޖެއަށް އެހީ ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި

ދައުލަތަށް ބައިގަރުނަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖް، އަހުމަދު ސަލީމަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފިއެވެ. ސަލީމްއަށް މި ޝަރަފު އަރުވާފައިވަނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަފަރު އަރުވަނީ އެދާއިރާގައި މަދުވެގެން 30 އަހަރު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށެވެ. މިއީ އެ ދައިރާގައި ފާހަގަކޮށްލެވޭ އާދަޔާ ޚިލާފު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ މަޤްޞަދުގައި އަރުވާ ޝަރަފެކެވެ.

ޚާރިޖީ ވުޒާރާގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި މިހާރުވެސް އެ ވުޒާރާގައި މަސައްކަތް ކުރައްވަމުންދާ އަހުމަދު ސަލީމަށް މި ޝަރަފު އަރުވާފައިވަނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

ދައުލަތަށް 57 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ސަލީމް ދައުލަތުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 7 ޖުލައި 1968 ވަނަ އަހަރުއެވެ. އޭނާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާއިރު އޭގެ ތެރެއިން 35 އަހަރު ޚިދުމަތް ކުރެއްވީ، ޚާރިޖީ ދާއިރާގައެވެ.

ސަލީމް އަދާކުރެއްވި މުހިންމު މަޤާމުތަކުގެ ތެރޭގައި، ޔޫއެން ޑިވިޜަންގެ އިނގިރޭސި ސެކެރެޓަރީކަމާއި، ސިލޯނުގައި ހުންނަ ދިވެހި އެމްބަސީގެ ޕާސްޕޯޓު އޮފިސަރުކަމާއި، ވަކީލުކަމާއި ޕާމަނަންޓް ސެކެރެޓަރީކަމުގެ އިތުރުން ޔޫއެން ޕާމަނެންޓް މިޝަންގެ ކައުންސިލަރުކަން ކުރައްވާފައިވެއެވެ.

މީގެ އިތުރުން ޚާރިޖީ ވުޒާރާގެ އެކި ޑިޕާޓްމެންޓުތައް ހިންގެވުމުގައި ސަލީމް މަސައްކަތްކުރައްވާފައިވާއިރު، އެ ވުޒާރާގެ ވަކީލުކަމާއި އަންޑަރ ސެކެރެޓަރީ ކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން އެ ވުޒާރާގެ ދަށުން ހިންގަވާ ފޮރިން ސާވިސް އިންސްޓިޓިއުޓް ސަލީމް ވަނީ ހިންގަވާފައެވެ. ފޮރިން ސާވިސްއަށް ޤާބިލް މުވައްޒަފުން އުފެއްދެވުމުގައި ސަލީމް ކުރައްވާފައިވާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

އޭނާ ވަނީ ބޭރު ދުނިޔޭގައި ރާއްޖެ ތަމްސީލުކުރެއްވުމުގައިވެސް ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ. މިގޮތުން ރާއްޖެއިން ޕާކިސްތަނަށް ކަނޑައަޅުއްވާފައި ހުންނަވަ ސަފީރުކަމާއި، ނޭޕަލަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރުކަން ކުރައްވާފައިވެއެވެ. މީގެ އިތުރުން ސަރަހައްދީ ޤައުމުތަކުގެ ޖަމިއްޔާ ސާކަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ ޑިރެކްޓަރު ކަމުގެ މަޤާމު އޭނާ އަދާކުރެއްވިއިރު، އެ ޖަމީއްޔާގެ ސެކެރެޓަރީ ޖެނެރަލްކަން 2012 އިން 2014 އަށް ސަލީމް ވަނީ ކުރައްވާފައެވެ.

ސަލީމްގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ރާއްޖޭގެ ތަރައްޤީއަށް ބޭރު ދުނިޔެއިން އެހީ ހޯއްދެމުވަށް ކުރައްވާފައިވާ މަސައްކަތްތަކެވެ. އަދި މީގެ އިތުރުން ނޮވެމްބަރު 3 ގެ ޚަމަލާގެ މައުލޫމާތު ބޭރު ދުނިޔެއަށް ފޯރުކޮށްދެއްވުމާއި އެހީ ހޯއްދެއްވުމުގައި ސަލީމް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ޒަމާނީ ފޮރިސް ސާވިސްއަކަށް ރާއްޖޭގެ ޚާރިޖީ ދައިރާ ބަދަލުކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ސަލީމްއަށް ޚާރިޖީ ޚިދުމަތުގެ އެންމެ މަތީ ޝަރަފު އެރުވުމާއެކު، ރިޓަޔަރ ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ސަރުކާރުން ވަނީ ސަލީމްއަކީ ދައުލަތައް އިޚުލާސްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެއްކަން ފާހަގަކޮށްފައެވެ. ޚަރިޖީ ދާއިރާގެ ބޭރުންވެސް ޚިދުމަތް ކުރައްވާފައިވާ ސަލީމް އަކީ ފެހި ޤާނޫނު އަސާސީގެ ދަށުން އުފެދުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސްކަން ކުރެއްވި ބޭފުޅާއެވެ.