ކުޅިވަރު

ޔޫރޯ ފައިނަލް: ފެވަރިޓުންނޭ ބުނާކަށް ބޭނުމެއްނޫން: ސްޕޭން ކެޕްޓަން


އަންހެނުންގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އިނގިރޭސިވިލާތާ ދެކޮޅަށް ނުކުންނައިރު ސްޕޭނަކީ ފެވަރިޓުން ކަމަށް ބުނަން ބޭނުން ނުވާ ކަމަށް ކެޕްޓަން އިރެނޭ ޕްރެޑޭޝް ބުނެފި އެވެ.
ސްވިޒަލޭންޑްގައި މިރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕެރެޑޭސް ބުނީ އެންމެން ވެސް ތަށި ހޯދާނީ ސްޕޭން ކަމަށް ބުނާކަން އެނގޭ ކަމަށެވެ.

"ނަމަވެސް އެއީ އަހަރުމެންގެ ވިސްނުމެއް ނޫން. އަހަރުމެން މި ތިބީ ދަނޑުމަތީގައި އެކަން ސާބިތުކޮށްދޭން. މެޗުގެ ކުރިން އަހަރުމެން އެހެން ބުނާކަށް ބޭނުމެއްނޫން. އަހަރުމެންނަށް އެނގޭ މެޗު އުނދަގޫވާނެ ވަރު،" ޕްރެޑޭސް ބުންޏެވެ.

ޓީމުގެ ކޯޗު މޮންޓްސެ ޓޮމޭ ބުނީ އޭނާގެ ޓީމުން މުބާރާތުގައި މިހާތަނަށް ވެސް އައީ ތާރީހު ލިޔަމުން ކަމަށެވެ. މިހެންވެ ފައިނަލް މެޗުގައި އެކަން އިތުރަށް ފުރިހަމަކޮށްލަން ބޭނުން ނުވާންވީ ސަބަބެއް ނެތް ކަމަށެވެ. ކޯޗު އިޝާރާތް ކުރީ ޔޫރަޕުގެ އަންހެން ފުޓްބޯޅައިގެ ގަދަ ގައުމުތައް ކަމަށްވާ ޕޯޗުގަލް އާއި ބެލްޖިއަމް އަދި އިޓަލީ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމަށެވެ.

"އަހަރުމެން މި މެޗުގައި ޕްރެޝަރު ނަގާކަށް ބޭނުމެއް ނޫން. އަހަރުމެން މި މެޗާ މެދު ދެކެނީ މިއީ ކަމެއް ހާސިލް ކުރަން ލިބޭ ފުރުސަތެއް ކަމަށް. މިއީ އަހަރުމެންގެ ގައުމުގެ މީހުން އިތުރަށް އުފާކޮށްދޭނެ ލިބޭ ފުރުސަތެއް. އެކަމަށް އަހަރުމެން މި ތިބީ ތައްޔާރަށް،" ކޯޗު ބުންޏެވެ.

މީގެ ހަތަރު އަހަރު ކުރިން ކުޅުނު އަންހެނުންގެ ޔޫރޯގެ ޗެމްޕިއަނުންނަކީ އިނގިރޭސިންނެވެ. އޭގެ ދެ އަހަރު ފަހުން ސްޕޭން ވޯލްޑް ކަޕް ކާމިޔާބު ކުރީ އިނގިރޭސީން ބަލިކޮށްފަ އެވެ. މިހެންވެ މިރޭގެ ފައިނަލަށްކީ އެތައް ގޮތަކުން ފޯރިގަދަވާނެ ފައިނަލަކަށްވާނެ އެވެ.