ޚަބަރު

ސޮއިކުރުމަށް 2665 މީހުންގެ ނަން މިހާތަނަށް އެފްޑީސީއަށް ފޮނުވައިފި


  • ސޮއިކުރަން އަންނަންޖެހޭ ދުވަސް އަންގާނީ އެފްޑީސީން

  • މިހާތަނަށް 92 މީހުން، އެއްބަސްވުމުގައި ސޮއިކޮށްފި

  • 4000 ލިސްޓަށް ހުށައެޅި ޝަކުވާ ރިވިއުކޮށް އަދި ނުނިމޭ

ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭކަމަށް ކަނޑައަޅާ އެއްބަސްވުމުގައި ސޮއިކުރުމަށް 2665 މީހުންގެ ނަން، އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން، ފަހި ދިރިއުޅުން ކޯޕަރޭޝަންއަށް ފޮނުވާފައިވާ ކަމަށް އެ ކޯޕަރޭޝަންއިން ވިދާޅުވެއްޖެއެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އާއްމުކުރި ލިސްޓަށް ލިބުނު ޝަކުވާތައް ރިވިއުކުރުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެއެވެ.

ގެދޮރުވެރިޔާ ސްކީމްގައި ހިމެނެނީ 4000 ހައުސިން ޔުނިޓެވެ. 2023ވަނަ އަހަރުގެ ނޮވެމްބަރު 15ގައި އާއްމުކުރި ލިސްޓުގައި މައްސަލަތަކެއް ހުރިކަމަށް އޭސީސީގެ ތަޙުޤީގުން ކަނޑައެޅުމާ އަދި އާ ސަރުކާރުން ހަވާލުވެ އެކުލަވާލި ހައުސިން ކޮމިޓީއިންވެސް ހާމަކޮށްފައިވެއެވެ.

އޭސީސީން ކުރި ތަޙުޤީގުގައި ބުނެފަވަނީ ފްލެޓް ލިސްޓުގައި ހިމެނޭ %59.6 މީހުން ޝަރުތު ހަމަނުވާކަމަށެވެ. އަދި ހައުސިން ކޮމިޓީއިން އެކުލަވާލި ކޮމިޓީގެ ރިޕޯޓްގައި ބުނެފަވަނީ 2180 މީހުންގެ ޝަރުތު ހަމަނުވާކަމަށެވެ. މި ލިސްޓް އާއްމުވެސްކުރިއެވެ.

ގެދޮރުވެރިކަމާ ބެހޭ ކޮމިޓީއިން ހާމަކުރި މަޢުލޫމާތުގައި ބުނެފަވަނީ އެންމެ ގިނަ މައްސަލަތައްހުރިކަމަށް ފެންނަނީ، މާލޭގައި އުޅެފައިވާ މުއްދަތު ސާބިތުކުރުމުގައިކަމަށެވެ. އެހެންކަމުން ލިސްޓު ނެރުމަށްފަހު، އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލުމަށް 8000އަށްވުރެ ގިނަ ޝަކުވާ ވުޒާރާއަށް ހުށައަޅާފަވާކަމަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވިދާޅުވީ، ޝަކުވާތަކަށް ބެލުމަށްފަހު އެކުލަވާލާ ދާއިމީ ލިސްޓް އާއްމު ނުކުރާނެކަމަށެވެ. ޝަކުވާތައް ރިވިއުކޮށް، ފްލެޓް ލިބޭނެކަން ކަށަވަރުވާ މީހުންނަށް މިހާރު ދަނީ އެކަން އަންގަމުންނެވެ. އަދި އެ ތަރުތީބުން، ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ވުޒާރާއިން އެ ލިސް ދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން އެފްޑީސީއަށް ފޮނުވަމުންނެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ވިދާޅުވީ އެއްބަސްވުމުގައި ސޮއިކުރުމަށް، 2665 މީހުންގެ ނަން، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެ ކޯޕަރޭޝަނަށް ފޮނުވާފައިވާކަމަށެވެ.
އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފަވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. މިހާތަނަށް 92 މީހުންގެ ފްލެޓް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެފްޑީސީން ވިދާޅުވީ މިނިސްޓްރީއިން ފޮނުވާ ލިސްޓުގައި ހިމެނޭ ހުރިހާ މީހުންނަށް މިހާރު އެކަން އަންގަމުންދާކަމަށެވެ. މިކަން އަންގަނީ އެސްއެމްއެސްއާއި ގެދޮރިވެރިޔާ ޕޯޓަލް މެދުވެރިކޮށެވެ. ސޮއިކުރަން އަންނާނެ ދުވަހާ ގަޑި އަންގާނީ، އެފްޑީސީން ބުނާ ލިޔެކިޔުންތައް އެ ކޯޕަރޭޝަންގެ ޕޯޓަލް "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމުންނެވެ. ސޮއިކުރުމަށްފަހު ފްލެޓްގެ ތަޅުގަނޑި ހަވާލުކުރާނީ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓަރވުމާއި ޑިޕޮސިޓް ދެއްކުމުންނެވެ.

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. އެތަނުގައި ވަނީ ޔުޓިލިޓީ ޚިދުމަތްތަކަށް ފަސޭހައިން ރެޖިސްޓަރވެވޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައެވެ. ސޮއިކުރުން ދެން ކުރިއަށްދާނީ ބަންދު ދުވަސްތަކަށްފަހު އަންނަ އަންގާރަދުވަހު ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއެވެ.