ޕެނަލްޓީ ޖަހައިގެން ދުނިޔޭގެ ޗެމްޕިއަން ސްޕޭން 3-1އިން ބަލިކޮށް އިނގިރޭސިވިލާތުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
ސްވިޒަލޭންޑްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ 30 މިނިޓް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖެހީ 25 ވަނަ މިނިޓްގައި އިނގިރޭސި ކުލަބު އާސެނަލް އަށް ކުޅޭ ސްޕޭނުގެ މާރިއާ ކަލްޑެންޓޭ އެވެ. އިނގިރޭސީންނަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާސެނަލްގެ ފޯވަޑް އަލެސިއާ ރުސޯ އެވެ.
ޕެނަލްޓީގައި ސްޕޭނަށް ކާމިޔާބު ކުރެވުނީ ޖެހި ފުރަތަމަ ޕެނަލްޓީ އެކަންޏެވެ. ޕިނާ ގުއިޖާޒޯ ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ކަލްޑެންޓޭ އާއި ފާއިތުވެދިޔަ ދެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ބާސެލޯނާގެ އައިޓާނާ ބޮންމާޓީ ޖެހި ޕެނަލްޓީ އިނގިރޭސި ކީޕަރު ހަނާ ހަމްޓަން ދިފާއު ކުރި އެވެ. އޭގެ ފަހުން ބާސެލޯނާގެ ފޯވަޑް ސަލްމާ ޕަރަޔުއެލޯ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
އިނގިރޭސި ޓީމުން މީޑް އާއި ކެޕްޓަން ލިއާ ވިލިއަމްސަން ޖެހި ޕެނަލްޓީ ސްޕޭނުގެ ކީޕަރު ކަޓާ ކޯލް ދިފާއު ކުރި އެވެ. އެކަމަކު ގްރީން ވުޑާއި ޗާލެސް އާއި ކޭސީ ކެލީ ޕެނަލްޓީތައް ކާމިޔާބު ކުރި އެވެ.
އިނގިރޭސި ސަޕޯޓަރުންނާއި ކުޅުންތެރިން ދެކެނީ މިއީ މީގެ ދެ އަހަރު ކުރިން ސްޕޭން އަތުން ބަލިވެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ގެއްލުނުން ވެރިވި ހިތާމަ އަށް ފަހު ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އިނގިރޭސި ކީޕަރު ހަމްޓަން ބުނީ މި ކާމިޔާބީ އަކީ ވަރަށް ގިނަ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"މިއަދު އަހަރުމެން އެންމެން ވެސް ވަރަސް އުފާ ވެއްޖެ. އަހަރުމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މިއަދު އުފާފާޅު ކުރަން ފުރުސަތު މި ލިބުނީ. މިއީ ވަރަށް އުފާވެރި ވަގުތު ކޮޅެއް،" ކީޕަރު ބުންޏެވެ.