ޚަބަރު

ލަންކާގެ ރައީސް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް، އެއަރޕޯޓުން ހޫނު މަރުހަބާއެއް


  • މިދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • ދެ ޤައުމުގެ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައި

  • މިއަހަރު ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ވަނީ ފުރިފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

ސްރީލަންކާގެ ރައީސް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ލަންކާގެ ރައީސަށް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ މިމަހުގެ 28 އިން 30 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ދެ ޤައުމުން އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރައްވާ އެއްބަސްވުންތަކެއް އެކުލަވާލެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅު ދިމާވަނީ، ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ، 60 އަހަރު ފުރޭ މުނާސަބާއާއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.