ޚަބަރު

ނޢޢވ. ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ސިޔާސީ ވެރިން ތަޢުޒިޔާ ފޮނުއްވައިފި


  • ސިޔާސީ ވެރިން ވަނީ ދިވެހި ޤައުމަށް ޞާބިރު ކޮށްދެއްވާފައިވާ ޚިދުމަތްތައް އަގުވަޒަންކުރައްވާފައި

  • މަރުޙޫމަށް ސުވަރުގޭގެ ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދި ސިޔާސީ ވެރިން ދުޢާ ދެންނެވި

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ޢާއިލާއަށް ސިޔާސީ ވެރިން ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ޙަސަން ޞާބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޞާބިރު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސުންނާއި ސިޔާސީ ވެރިން ވަނީ ތަޢުޒިޔާގެ ޕޯސްޓުތައް މީސްމީޑިޔާގައި ޙިއްސާކުރައްވާފައެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި މަރުޙޫމު ޙަސަން ޞާބިރުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމުގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ނައިބު ރައީސް ދުޢާ ދެންނެވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ޙިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޅުގަނޑު އެހީ ފުން ހިތާމައާއެކު ކަމަށާއި ދަައުލަތުގެ މުހިންމު އިސް މަޤާމުތަކުގައި ހުންނަވައިގެން މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތަކެއް ޞާބިރު ކޮށްދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޚާރިޖީ ދާއިރާއަށްވެސް ޞާބިރު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ކެތްތެރިކަން ދެއްވައި މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ރައީސް ޞާލިޙު ދުޢާ ދެންނެވިއެވެ.

ޞާބިރު ނިޔާވުމާ ގުޅިގެން ޙިއްސާކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޙަސަން ޞާބިރަކީ ރައީސް ނަޝީދަށް އިރުޝާދާއި ލަފާ ދެއްވި، ޤާބިލު ކުޅަދާނަ ޤައުމީ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދެންނެވިއެވެ.

ޞާބިރު އަވަހާރަވުމާ ގުޅިގެން ޙިއްސާކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އެކި ދާއިރާތަކުން ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޑު އެހީ ނުހަނު ފުން ހިތާމައާ އެކު ކަމަށެވެ. ޞާބިރަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންކުރައްވާފައިވާ ބޭފުޅެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ތަނަވަސް ރަޙުމަތް މިންވަރުކޮށްދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ޢަބްދުއްރަޙީމް ދުޢާ ދެންނެވިއެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ ޙަޞަން ޞާބިރު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށާއި އެމަނިކުފާނަކީ ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ޞާބިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވިއިރު، އެކުގައި މަޖިލީހުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު ކަމަށެވެ. މަޖިލީހުގައި ކުރެއްވި މަސައްކަތްތަކުން ޤައުމީ ޚިދުމަތަށް ޞާބިރުގެ ހިތުގައި އޮތް ލޯބީގެ ބޮޑުކަން ތަޞައްވުރު ކުރެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދުވެސް ވަނީ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ސުވަރުގޭގެ ނިޢުމަތް މަރުޙޫމަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ޞާބިރު ނިޔާވުމާ ގުޅިގެން ކެބިނެޓު ވަޒީރުންވެސް ވަނީ ތަޢުޒިޔާގެ ޕޯސްޓުތައް ކުރައްވާފައެވެ. އެގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންނާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޞާބިރ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމުގެ ފުރާނަފުޅަށް ޖައްނަތުލް ފިރުދައުސް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ވަޒީރުން ވަނީ ދިވެހި ދަޢުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ޞާބިރު ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

ޙަސަން ޞާބިރު އަވަރާހަރަވީ ޢުމުރުފުޅުން 73 އަހަރުގައެވެ. އޭނާ ވަނީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. ޞާބިރު ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ވަޒީރުކަންވެސް ކުރައްވާފައެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި އެ ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.