މާވަށުގައި މީހަކަށް ވަޅިން ޙަމަލާދީ މަރާލައިފިއެވެ.
މި ހާދިސާގައި ނިޔާވީ 29 ވަރަކަށް އަހަރުގެ ޒުވާނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ޙަމާލާދީ ޒަޚަމުކޮށްލާފައިވާ ކަމުގެ މަޢުލޫމާތު މިއަދު 10:12 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ޙަމަލާގައި ނިޔާވީ ލ. މާވަށް، ނަލަހިޔާ ޢުމުރުން 29 އަހަރުގެ މޫސާ އިބްރާހިމެވެ. މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ވިދާޅުވީ މޫސާ އިބްރާހިމަށް ޙަމަލާދިނީ ރަށުން ބޭރުގެ މީހެއް ކަމަށެވެ. އަދި އެ މީހާއަށް ޙަމަލާދިނީ މާވަށު ހޮސްޕިޓަލާ ވަރަށް ކައިރި ސަރަހައްދެއްގައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ ނިޔާވެފައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ޙަމަލާ ދީފައިވަނީ މަރުވި މީހާގެ ކަރަށްކަމަށްވެސް ކައުންސިލްގެ ރައީސް މަޢުލޫމާތު ދެއްވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށެވެ. އަދި މި މާރާމާރީގައި މޫސާ އިބްރާހިމަށް ހަމަލާދިނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.