ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން 3 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ރާއްޖޭގެ އިޤުތިޞާދީ ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި ބިނާކުރަނިވި އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ގަލޮޅު ފިޔާތޮށިގޭ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ.
ޙަސަން ޞާބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވައިފައިވަނީ ރަސްމީ ޢިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ޚާއްޞަގޮތެއްގައި ޙަސަން ޞާބިރު ފާހަގަވެގެންދަނީ، ދިވެހި ޤައުމުގެ އިޤްތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތަކާއި، މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ.
11 ނޮވެންބަރު 1978 ގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލެއްވުމަށް ކަމަށްވާތީ، "ނޭޝަނަލް ޕްލޭނިންގ އޭޖެންސީ"ގެ ނަމުގައި އޮފީހެއް އުފައްދަވައި، އެ ތަނަށް ޤާބިލް މީހުން ހަމަޖެއްސެވުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވިއެވެ. އެގޮތުން، އެ އެޖެންސީގެ ސްޓެޓިސްޓިކަލް ސަރވޭ އޮފިސަރުގެ މަގާމަށް ޙަސަން ޞާބިރު ހަމަޖެއްސެވީ، 16 ޑިސެންބަރު 1978 ގައެވެ.
އިތުރު ތަޢުލީމާއި ތަޖުރިބާ ހޯއްދެވުމަށްޓަކައި 1979 ވަނަ އަހަރުގެ އޮގަސްޓު މަހު ޙަސަން ޞާބިރު އެމެރިކާއަށް ވަޑައިގަތެވެ. އެ ދަތުރުފުޅުން އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ފެށްޓެވި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި، 1985 ވަނަ އަހަރުގެ ބޯހިމެނުމަށް ތައްޔާރުވުން ހިމެނެއެވެ. ރާއްޖެއަށް ފުރަތަމަ ގެނެވުނު ކޮމްޕިއުޓަރު ގެނެވުނީ، އެ މަސައްކަތަށްޓަކައެވެ. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެނީ، ހަމައެކަނި ދިވެހީންނަށް އިސްކަން ދެއްވައިގެން ފެށްޓެވި އެ ޕްރޮޖެކްޓްގެ އިސް މޭސްތިރިޔަކަށް ހަމަޖެއްސެވީ، ޙަސަން ޞާބިރުކަމެވެ.
ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސްކުރައްވައި ހިންގެވުމުގެ ޒިންމާދާރު ޚިދުމަތްތެރިއެއްގެ ގޮތުގައި ޙަސަން ޞާބިރު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެއެވެ. އޭގެފަހުން، އެ މަނިކުފާނު 26 އޮގަސްޓު 1993 ގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނާއިބު ކަމުގެ މަގާމަށް ޢައްޔަންކުރެއްވިއެވެ.
ޙަސަން ޞާބިރު އަވަހާރަވިއިރު އަނބިކަނބަލަކާއި، ދެ ބޭފުޅުން ތިއްބެވިއެވެ. އެއީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.