ރަޝިޔާއަށް އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. ސުނާމީ އުފެދުނީ 8.8 މެގްނިޓިއުޑްގެ ބާރު މިނުގައި ރަޝިޔާއަށް އައި ބިންހެލުމަކާ ގުޅިގެންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
ބިން ހެލުން ރަޝިޔާއަށް އައީ އެ ޤައުމުގެ ގަޑިން ހެނދުނު 8:25 ކަންހާއިރު އިއްޔެއެވެ. ބިންހެލުމުގެ ސަބަބުން ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާ ސަރަޙައްދުގެ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ރަޝިޔާގެ އެކަހެރި ސަރަޙައްދަށް އައި މި ބިންހެލުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ބިންހެލުމުގެ ސަބަބުން ރަޝިޔާއަށް ވަނީ 13 ފޫޓުގެ ރާޅުއުސްމިނުގެ ސުނާމީއެއް އަރާފައެވެ. ސުނާމީގެ ރާޅުތައް ވަނީ ޖަޕާނާ ހަމައަށް ވެސް ފޯރާފައެވެ. ޖަޕާނަށް އަރާފައިވާ ސުނާމީގެ ރާޅުގެ އުސްމިން 12 ފޫޓުގައި ހުރިކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.
ޖަޕާނާއި އެމެރިކާއާއި ތައިވާނާއި ފިލިޕީންސްގެ މޫސުމާ ބެހޭ އިދާރާތަކުން ވަނީ ސުނާމީ އަރާފާނެކަމުގެ އިންޒާރު ނެރެ، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.