ޚަބަރު

4700 ބަސްތާގެ ފިޔާ އެމްޕީއެލްއިން ކްލިއަރކޮށްފި


  • ޖުމުލަ 4720 ބަސްތާގެ ފިޔާ ބަލައި ހުސްކޮށްފައިވޭ

  • އިއްޔެ އަައި ބޯޓަކުންވެސް 3،000 އަށްވުރެ ގިނަ ބަސްތާ ފިޔާ ގެނައި

4000 އަށްވުރެ ގިނަ ބަސްތާ ފިޔާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ކްލިއަރކޮށްފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އާގު ބޯޓުތަކަށް ރާއްޖެ ނާދެވި، ފިޔާ ކްލިއަރކުރުމަށް ވަނީ ދަތިވެފައެވެ. އޭގެ ސަބަބުން ފިހާރަތަކަށް ފިޔާ ފޯރުކޮށްނުދެވި، ފިޔާ ލިބުން ވަނީ ދަތިވެފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވީ އެ ކުންފުނީގެ ކާގޯ އޮޕަރޭޝަންސްއިން ރެއާއި ހަމައަށް ކުރި މަސައްކަތާއެކު 3 ބޯޓަކުން މުދާ ބާލައި، ހުސްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި 4720 ބަސްތާ ފިޔާ ހިމެނޭކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ ވިޔަފާރި ބަނދަރަށް އިއްޔެ އަައި ބޯޓުން މުދާ ބޭލުމުގެ މަސައްކަތްވެސް މޫސުން ތަންދޭ މިންވަރަކުން ކުރަމުން އަންނައިރު، އެ ބޯޓުންވެސް 3840 ބަސްތާ ފިޔާ ގެނައިކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

ފިޔަލުގެ ތާށިކަން އައިސްފައިވާތީ އެސްޓީއޯއިންވެސް ފިޔާ ޝިޕްމެންޓެއް އިންޑިޔާއިން ރާއްޖެ ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވަނީ ވިދާޅުވެފައެވެ. ފިޔާ ޢާންމުކޮށް ގެންނަނީ މުދާ އިމްޕޯޓްކުރާ އަމިއްލަ ވިޔަފާރިތަކުން ކަމަށްވާއިރު އެސްޓީއޯއިން ދާއިމީކޮށް ފިޔާ ނުގެނެއެވެ. ނަމަވެސް ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ލިބުމުގައި ދަތިވާ ޙާލަތްތަކުގައި އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދެއެވެ.

އެސްޓީއޯއިން ވިދާޅުވެފައިވަނީ ބަނދަރުގައި އޮތް ބޯޓުތަކުގެ ޝިޕްމަންޓްތައް މާކެޓަށް ލިބުމުން، ފިޔާ ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް ލުޔެއް ލިބޭނެ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފިޔާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު މިދުވަސްވަރަކީ ރާއްޖެއަށް ފިޔާ އެންމެ ގިނައިން އެތެރެކުރާ އިންޑިއާއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ.