ރަޝިޔާގެ ކަމްޗާތުކާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ރާޅުތައް އެމެރިކާގެ ހުޅަނގު ފަރާތު ކެލިފޯނިޔާ ސްޓޭޓްގެ އައްސޭރިފަށުގެ ރަށްތަކަށް ފޯރައިފިއެވެ. އެމެރިކާގެ ސުނާމީ އިންޒާރު ދޭ ޤައުމީ އިދާރާއިން ބުނީ ކެލިފޯނިޔާގެ އައްސޭރިފަށުގެ ބައެއް ސަރަަޙައްދުތަކަށް 1 ފޫޓު 6 އިންޗީގެ އުސްމިނުގެ ރާޅުތައް އަރަމުންދާ ކަމުގައެވެ. އެ ސަރަޙައްދަށް ސުނާމީގެ އަސަރު ކުރާނެ ކަމުގެ އިންޒާރު ދިނުމާ އެކު، އައްސޭރިފަށުގައި ދިރިއުޅޭ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ.
ބިންހެލުން އައިސްފައި ވަނީ ރަޝިޔާގެ ކަމްޗާތުކާގެ އައްސޭރިފަށަށެވެ. ބިންހެލުންތައް ދިރާސާ ކުރާ އެމެރިކާގެ ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ، ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑު 8.8ގައި ކަމުގައެވެ. ބިންހެލުން އައިސްފައި ވަނީ ބިމުގެ ސަތަހައިން ފެށިގެން 18 ކިލޯމީޓަރު ފުނަށެވެ. މިއީ، ފާއިތުވި 14 އަހަރުގެ ތެރޭގައި އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އަދި، ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ރެކޯޑު ކުރެވިފައިވާ އެންމެ ބާރުގަދަ 10 ބިންހެލުމުގެ ތެރޭގައި ހިމެނިގެން ގޮސްފައިވާ ލޮޅުމެކެވެ.
ބިންހެލުމާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމުގެ، އަދި އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. ނަމަވެސް، ރަޝިޔާގެ ސަޚަލިން ސަރަޙައްދަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މި ގޮތުން، ގިނަ އަދަދެއްގެ އިމާރާތަށް ގެއްލުން ލިބިފައިވާއިރު، އެ ސަރަޙައްދުގައި އޮތް ބަނދަރުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ސުނާމީގެ އިންޒާރާ އެކު، ރަޝިޔާގެ އެންމެ އިރުމަތީގައި އޮތް ސަރަޙައްދުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.
ސުނާމީގެ ރާޅުތައް ދެން އަރާފައިވާ ޤައުމަކީ ޖަޕާނެވެ. ޖަޕާންގެ އައްސޭރިފަށުގެ ބައެއް ސަރަޙައްދުތަކަށް އަރަމުންދާ ރާޅުތަކުގެ އުސްމިން ތިން މީޓަރަށް އުފުލޭނެ ކަމުގައި އެ ޤައުމުގެ އިދާރާތަކުން އިންޒާރު ކުރެއެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ސުނާމީގެ ރާޅުތައް އަރަމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. ސުނާމީގެ އިންޒާރާ އެކު ޖަޕާންގެ އައްސޭރިފަށުގެ ރަށްތަކުގައި ދިރިއުޅޭ ދެ މިލިޔަނެއްހާ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަމުރު ނެރުނެވެ.
އެމެރިކާގެ ކެލިފޯނިޔާއަށް ބަލައިލާއިރު، ސުނާމީގެ ރާޅުތައް އެންމެ ފުރަތަމަ އަރާފައި ވަނީ އެރީނާ ކޯވް ކިޔާ ސަރަޙައްދަކަށެވެ. އެ ސަރަޙައްދަށް އަރާފައިވާ ރާޅުތަކުގެ އުސްމިން 1 ފޫޓު 6 އިންޗިއަށް އަރާ ކަމުގައި އެ ޤައުމުގެ ސުނާމީގެ އިންޒާރުދޭ އިދާރާއިން ހާމަކުރިއެވެ. މީގެ އިތުރުން، މޮންޓެރީއަށް 1 ފޫޓު 4 އިންޗީގެ ރާޅުތައް އެރިއެވެ. ސެން ލުއީސް ބަނދަރު ސަރަޙައްދަށް ވެސް ބިޔަ ރާޅުތަކެއް އަރަމުންދާ ކަމުގައި އެ ޤައުމުން ރިޕޯޓު ކުރެއެވެ.
މީގެ އިތުރުން، ކެލިފޯނިޔާގެ ސެން ފްރެންސިސްކޯގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ވެސް ރާޅުތައް ވަނީ ފޯރާފައެވެ. އެމެރިކާގެ ހުޅަނގުގެ ބައެއް ސަރަޙައްދުތައް ކަމުގައިވާ ވޮޝިންގްޓަން، އޮރިގަން އަދި އެލެސްކާގެ އިތުރުން ކެނެޑާގެ ބްރިޓިޝް ކޮލަމްބިޔާއަށް ވެސް ސުނާމީގެ އިންޒާރު އޮތީ ނެރެފައެވެ.
ސުނާމީގެ އިންޒާރާ ކުރިމަތިލާން ޖެހިފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި އެކުއެޑޯ، އިންޑޮނީޝިޔާ، ޕެރޫ އަދި ކޮލަމްބިޔާ ހިމެނެއެވެ. ބްރިޓިޝް ކޮލަމްބިޔާގެ ބައެއް ސަރަޙައްދުތަކަށް މިހާރު ވަނީ ސުނާމީގެ ރާޅުތައް އަރަން ފަށާފައެވެ. މީގެ އިތުރުން ޕަޕުއާ ނިއު ގިނީއާއި ސޮލޮމޮން އައިލެންޑްސް އަދި ވަނުވާތޫއަށް ސުނާމީގެ ރާޅުތަކުގެ ނުރައްކާ އޮތް ކަމުގައި އެމެރިކާގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ އިންޒާރު ކޮށްފައެވެ.
ސުނާމީގެ އިންޒާރު އޮތުމާ އެކު، އިންޑޮނީޝިޔާގެ ޕަޕުއާ ސަރަޙައްދުގެ އައްސޭރިފަަށުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިންޑޮނީޝިޔާގެ ޖަޔަޕުރާ ސިޓީން ބުނީ، އެ ރަށުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ދަތުރު ކުރުން މަަނާ ކޮށްފައިވާނެ ކަމުގައެވެ. އަދި، ކަނޑުމައްޗަށް ނޭރުމަށް މަސްވެރިންނަށް އިލްތިމާސް ކޮށްފައިވާނެ ކަމުގައެވެ. އިންޑޮނީޝިޔާގެ އުތުރު ސުލަވެސީ، އުތުރު މަލުކޫ، ހުޅަނގު ޕަޕުއާ އަދި ގޮރޮންތަލޯއަށް ސުނާމީގެ ރާޅުތަކުގެ ނުރައްކާ އޮތް ކަމުގައި އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން އިންޒާރު ކުރެއެެވެ.
ސުނާމީގެ ރާޅުތައް އެމެރިކާގެ ހަވާއީގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް އަރާފައިވީ ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނެތެވެ. އަދި، ސުނާމީގެ ނުރައްކަލުގެ އިންޒާރުގެ މިންވަރު އިސްތިޝާރީ މިންގަނޑަށް ދަށްކޮށްފައިވާ ކަމުގައި ޕެސިފިކް ކަނޑުގެ ސުނާމީ އިންޒާރު ދޭ އިދާރާއިން ހާމަކުރިއެވެ. އޭގެ މަނާއަކީ، ސުނާމީގެ ރާޅުތައް އަރަމުން ދިޔަ ނަމަވެސް، ބޮޑެތި ގެއްލުން ދެނިވި މިންވަރެއްގެ ރާޅުތައް އަރާނެ ކަމަށް ނުބެލެވޭ ކަމެވެ. މިއާ އެކު، ރައްކާތެރި ސަރަޙައްދުތަކަށް ދަތުރު ކޮށްފައިވާ މީހުން އެނބުރި ގެދޮރަށް ރުޖޫއަވާން ފަށާފައިވާ ކަމުގައި ހަވާއީގެ އޮފިޝަލުން ބުންޏެވެ.