ކުޅިވަރު

ލިވަޕޫލް ވެރިން ސްޕެއިންގެ ގެޓާފޭ ގަންނަނީ


ލިވަޕޫލް ހިންގަމުން އަންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕުން ސްޕެއިންގެ ގެޓާފޭ ގަތުމުގެ މަސައްކަތް ފަށައިފިއެވެ.

ގެޓާފޭ އަކީ 1983 ވަނަ އަހަރު އުފައްދައި ސްޕެނިޝް ލީގުގައި ވާދަކުރަމުން އަންނަ ކުލަބެކެވެ. ފެންވޭ ސްޕޯޓްސް ގްރޫޕުން އެ ކުލަބު ގަތުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބު ނުވެ އޮތީ ގެޓާފޭގެ ރައީސް އެންޖެލް ޓޮރޭޒް ކުލަބު ވިއްކާލަން ބޭނުން ނުވުމުންނެވެ.

ނަމަވެސް މި ވިޔަފާރި މިހާރު ވަނީ ހިނގައިގަންނަ ގޮތްވެފަ އެވެ. އެއީ ކުރިން ކުލަބު ވިއްކާލަން ކިޔަމުން އައި 185 މިލިއަން ޔޫރޯގެ ބަދަލުގައި 116 މިލިއަނަށް އެ ކުލަބު ވިއްކާލަން ޓޮރޭޒް ނިންމުމުންނެވެ.

ފެންވޭ ސްޕޯޓްސް ގްރޫޕުން ލިވަޕޫލް ކާމިޔާބުކަމާއެކު ހިންގާތާ މިހާރު 15 އަހަރު ވެއްޖެ އެވެ. ފުޓްބޯލައިގެ އިތުރުން ބޭސްބޯޅަ އާއި ބާސްކެޓް ކުލަބުތައްވެސް ހިންގަމުން އަންނަ ގްރޫޕުން ސްޕެއިނުގެ ކުލަބެއް ގަތުމަށް ޝައުގުވެރިކަން ފާޅުކުރީ އެ ގްރޫޕުގެ ކުޅިވަރު ވިޔަފާރި ފުޅާކުރުމަށެވެ.

ލިވަޕޫލަކީ ފާއިތުވެދިޔަ 10 އަހަރަށް ބަލާއިރު މެންޗެސްޓާ ސިޓީ ނަގާފައި އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ކުލަބެވެ. ފެންވޭ ސްޕޯޓްސް ގްރޫޕުން ހިންގަން ފެށި ފަހުން އެ ކުލަބުން ވަނީ އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު ފައިނަލުގައި ތިން ފަހަރު ކުޅެ އެއް ފަހަރު ތަށި އުފުލާލައިފަ އެވެ. މީގެ އިތުރުން އިނގިރޭސި އެފްއޭކަޕާއި ލީގު ކަޕްގެ ދެ ތައްޓާއެކު ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.