ކުޅިވަރު

އަންހެނުންގެ ކޮޕާ އެމެރިކާގެ ފައިނަލަށް ކޮލަމްބިއާ އާއި ބްރެޒިލް


އަންހެނުންގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ބްރެޒިލް އާއި ކޮލަމްބިއާ ދަތުރުކޮށްފިއެވެ.

ޖުލައި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 10 ޓީމު ވާދަކުރަމުން އައި މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރު ކުރީ އަންގާރަ ދުވަހުގެ ރޭ އުރުގުއޭ 5-1އިން ބަލިކޮށްފަ އެވެ. ކޮލަމްބިއާ ފައިނަލަށް ދިޔައ ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ 5-4އިން ބަލިކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭގަ އެވެ.

އިކުއެޑޯގައި ކުރިއަށްދާ މި މުބާރާތުގައި މިހާތަނަށް ބަލިނުވެ އޮތީ ތިން ޓީމެކެވެ. އެއީ ގްރޫޕް ބީގައި ހިމެނުނު ބްރެޒިލް އާއި ކޮލަމްބިއާ އާއި ގްރޫޕް އޭގައި އޮތް އާޖެންޓީނާ އެވެ. 10 ޓީމު ދެ ގްރޫޕަކަށް ބަލާހައިގެން ކުޅުނު މުބާރާތުގެ ތިން ވަނަ ހޮވާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

ކޮޕާ އެމެރިކާގެ މި މުބާރާތަކީ 1991 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މިހާތަނަށް ނުވަ ފަހަރު ބާއްވާފައިވާއިރު 2006 ވަނަ އަހަރު ފިޔަވައި އެހެން ހުރިހާ މުބާރާތެއް ކާމިޔާބު ކުރީ ބްރެޒިލް އެވެ. 2006ގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާ އެވެ.

ބްރެޒިލް ވަނީ މިހާތަނަށް ބޭއްވި ކޮންމެ މުބާރާތެއްގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. މިއީ ކޮލަމްބިއާ މި މުބާރާތުގެ ފައިނަލް ކުޅޭ ތިން ވަނަ ފަހަރެވެ. އެ ގައުމު ވަނީ ފައިނަލްގައި ބްރެޒިލް އަތުން 2010 އަދި 2014 ވަނަ އަހަރު ބަލިވެފަ އެވެ.