ޚަބަރު

މިނިވަންކަމުގެ ސޮއިކުރި މާލަމުން ގެނެސްދިން ޑޮކިއުމަންޓްރީން ދައްކުވައިދިނީ ގާތް ގުޅުން


  • ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ލަންކާގައި ހުންނަ އިނގިރޭސި ސަފީރުގެ ގެކޮޅުގައި

  • ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމަކީ އިނގިރޭސި ހައިކޮމިޝަނަށްވެސް ތާރީޚީ ދުވަހެއް

މިނިވަންކަމުގެ ސޮއިކުރި މާލަމުން ގެނެސްދިން "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީއަކީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގުޅުން ދައްކުވާދޭ ފުރިހަމަ މަސައްކަތެއް ކަމުގައި ލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

1965 ވަނަ އަަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖެއާއި އިނގިރޭސި ސަރުކާރާ ދެމެދު ސޮއިކުރީ ސްރީ ލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނަރުގެ ގެކޮޅުގައެވެ. އެހެންކަމުން މި ދުވަހަކީ ސްރީ ލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނަށްވެސް ތާރީޚީ ދުވަހެކެވެ.

މީސްމީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ސްރީ ލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުމަކީ ރާއްޖެއާއި ލަންކާއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމުގެ ރަމްޒެއް ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރި މާލަމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީމެއް ވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތަކީ މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ޕީއެސްއެމް ނިއުސްއިން ގެނެސްދިން "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީއަށް ބޭނުންވާ ވީޑިއޯތައް ނެގުމަށާއި މަޢުލޫމާތު ހޯދުމަށްކުރި ދަތުރެކެވެ.

އިނގިރޭސި ހައި ކޮމިޝަނުގެ ޕޯސްޓުގައި މިކަން ފާހަގަކޮށް، އެ މަސައްކަތް ޙަޤީގަތަކަށް ހެދުމަށް ހައި ކޮމިޝަނުގެ މުވައްޒަފުންނާއި މީޑިއާ ޓީމުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއްދީފައިވާކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރޭ މުނާސަބާގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ، ހައި ކޮމިޝަނުން ދެންނެވިއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު މުނާސަބަތުގައި ޕީއެސްއެމް ނިއުސްއިން ގެނެސްދިން ޑޮކިއުމަންޓްރީގައި ދިވެހިންނަށް ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރި މާލަމުން ގެނެސްދިނީ އިގިރޭސި ހައި ކޮމިޝަނާއި، ރާއްޖޭގެ ފޮރިން މިނިސްޓްރީ އަދި ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ވަރަށްބޮޑު އެހީތެރި ކަމަކާއިއެކުގައެވެ.

1965 ވަނަ އަަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު މިނިވަންކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ބޮޑުވަޒީރު ފަހުން ރައީސް އިބްރާހިމް ނާޞިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސި ސަފީރު ސަރ މައިކަލް ވޯކަރއެވެ. އެއްބަސްވުމުގައި ސޮއިކުރީ ސިލޯނު ގަޑިން 10:00 ޖެހިއިރުއެވެ.

އެއްބަސްވުމުގައި ސޮއިކުރި މާލަމަށް ޕީއެސްއެމް ނިއުސްގެ ޓީމުން ކުރި ދަތުރުގައި މީގެ 60 އަހަރު ކުރިންވެސް އެތަނުގައި ހުރި ފަރުނީޗަރުތަކުގެ ވީޑިއޯއާއި ފޮޓޯ ނަގާފައިވެއެވެ. އަދި ސޮއިކުރުމަށް ބޮޑުވަޒީރު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ވާހަކަތައް ވަރަށް ތަފްސީލީ ގޮތެއްގައި "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމެންޓްރީގައި ވަނީ ގެނެސްދީފައެވެ.