ލުބުނާނުގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުﷲން ހަތިޔާރު ބަހައްޓައިފިނަމަ، އޭގެ ހުރިހާ ފައިދާއެއް ލިބޭނީ ޔަހޫދީންނަށް ކަމަށް، އެ ޖަމާޢަތުގެ އިސްވެރިޔާ، ނަޢީމް ޤާސިމް ވިދާޅުވެއްޖެއެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި، ނަޢީމް ޤާސިމް ވިދާޅުވީ، ޙިޒްބުﷲން ހަތިޔާރު ބަހައްޓަން ބާރުއަޅަމުންދާ ފަރާތްތަކަށް އެ ބުނެވެނީ ޔަހޫދީންނަށް އަޅުވެތިވުމަށް ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއާއި ޔަހޫދީންނާއި ލުބުނާނުގެ ރަސްމީ އިދާރާތަކުން ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ. އެ ފަރާތްތަކުން ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް ގޮވައިލަނީ ހަތިޔާރު ގެންގުޅެން ޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިން ކަމަށް ބުނެއެވެ.
އެމެރިކާއިން މިހާރު ލުބުނާނަށް ބާރު އަޅަނީ، އެ ޤައުމުގައި ޔަހޫދީން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓުވުމުގެ މަޝްވަރާތައް އަލުން ފެށުމުގެ ކުރިން ޙިޒްބުﷲން ހަތިޔާރު ބަހައްޓާނެކަމުގެ ޔަޤީންކަންދީ، ވަޒީރުންގެ މަޖިލީހުގެ ރަސްމީ ނިންމުމެއް އާންމުކުރުމަށެވެ.
ނަމަވެސް، ހަތިޔާރު ނުބަހައްޓާނެކަމަށް ޙިޒްބުﷲން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
ނަޢީމް ޤާސިމް ވިދާޅުވީ، އެމެރިކާއިން އިސްވެ ޙިޒްބުﷲއަށް ހަތިޔާރު ބަހައްޓަން ބާރުއަޅަމުންދަނީ، ޔަހޫދީންނަށް ޙިޒްބުﷲ ބަލިކޮށް، ލުބުނާނަށް އަތްގަދަ ނުކުރެވޭނެތީ ކަމަށެވެ.
އެމެރިކާގެ ޚާއްޞަ މަންދޫބު، ޓޮމް ބަރަކް ލުބުނާނުގެ އިސް އޮފިޝަލުންނާއެކު މަޝްވަރާތައް ފައްޓަވާފައިވާއިރު، އޭނާ މިދިޔަ ޖޫން މަހު ލުބުނާނަށް ކުރެއްވި ދަތުރުގެ ތެރެއިން ވަނީ، ހަތަރު މަސް ދުވަހުގެ ތެރޭގައި ޙިޒްބުﷲއިން ހަތިޔާރު ބަހައްޓައިފިނަމަ، ލުބުނާނުގެ ސަރަޙައްދުތަކުން ޔަހޫދީންގެ ނިރުބަވެރި ސިފައިން ފަހަތަށްޖެހި، ޢުދުވާނީ ޙަމަލާތައް ހުއްޓައިލާނެކަމަށް ހުށަހެޅުއްވައިފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެ ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ޔަހޫދީ ފައުޖު ލުބުނާނުން ފޭބުމާއި ޙިޒްބުاللهގެ ހަނގުރާމަވެރިން ލީޠާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވެއެވެ.