ކުޅިވަރު

13 އަހަރަށްފަހު ފުޓްބޯޅަ ޑައިރެކްޓަރު ބެގިރިސްޓައިން ސިޓީން ވަކިވެއްޖެ


މެންޗެސްޓާ ސިޓީގެ ފުޓްބޯޅަ ޑައިރެކްޓަރު ޗީކީ ބެގިރިސްޓައިން 13 އަހަރަށްފަހު އެ ކުލަބުން ވަކިވެ، އިޓަލީގެ ހޫގޯ ވިއޭނާއާ ގުޅިއްޖެއެވެ.

ބެގިރިސްޓައިން އަކީ ފާއިތުވެދިޔަ އަހަރުތަކުގައި މެންޗެސްޓާ ސިޓީ ހޯދި ކާމިޔާބީތަކުގެ އެންމެ ބޮޑު އެއް ހިއްސާދާރެވެ. އޭނާ ސިޓީން ވަކިވުމުން އެންމެ ބޮޑަށް މިހާރު އުފެދިފައިވާ ސުވާލަކީ ކޯޗު ޕެޕް ގާޑިއޯލާ ދެން ހަދާނެ ގޮތެކެވެ. މި ދެ މީހުންނަކީ ކުރިން ބާސެލޯނާގައި ވެސް އެކުގައި މަސައްކަތް ކުރި ވަރަށް ގާތް ދެ އެކުވެރިންނެވެ. ގާޑިއޯލާ ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ކުރިއަށް އޮތް ސީޒަނާއެކު ހަމަވާނެ އެވެ.

އުމުރުން 60 އަހަރުގެ ބެގިރިސްޓައިންގެ މޭސްތިރި ކަމުގައި ސިޓީ ވަނީ ހަތް ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށް ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ދެ ފަހަރު ކުޅެ އެއް ފަހަރު ތަށި ހޯދައިފަ އެވެ.

ބެގިރިސްޓައިން އާއި ގާޑިއޯލާ ވަނީ މީގެ ކުރިން ބާސެލޯނާގައި ވެސް ހަތް އަހަރު އެކީގައި މަސައްކަތްކޮށްފަ އެވެ. އަދި ގާޑިއޯލާ ސިޓީގެ ކޯޗަކަށް ގެނައުމުގެ އެންމެ މުހިންމު ދައުރެއް އަދާ ކުރި މީހަކީ ވެސް ބެގިރިސްޓައިން އެވެ. އޭނާ އިޓަލީގެ އާދައިގެ ކުލަބަކާ ހަވާލުވިއިރު މީގެ ސަބަބެއް އެއްވެސް ފަރާތަކުން މިހާތަނަށް ނުބުނެ އެވެ.

ސިޓީގެ ކޯޗުކަމާ ދުރަށް ދާން ވާހަކަ ގާޑިއޯލާ ވެސް ވަނީ މީގެ ކުރިން އެކި ސިފަސިފާގައި ދައްކައިފަ އެވެ. ހާއްސަކޮށް އޭނާގެ އަންހެނުންނާ ދެމެދު މި ދޭތެރެއިން ޖެހުނު މައްސަލަތަކަށް ފަހު ގާޑިއޯލާ މިހާރު ހުރީ ސްޕޭނަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވެފަ އެވެ.