ޚަބަރު

ނިމުނު ހަފްތާ: ދެޤައުމުގެ ވެރިންގެ ދަތުރުފުޅާއި، މިނިވަން ދުވަހުގެ ގިނަ ހަރަކާތްތަކެއް


  • އިންޑިޔާގެ ބޮޑުވަޒީރާއި ލަންކާގެ ރައީސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި

  • ވީއައިއޭގެ އައު ޓަރމިނަލް ވަނީ ރަސްމީކޮށް ހުޅުވާފައި

  • ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައިވޭ

ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގާދިޔައެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ޚަބަރަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ދެމެދު އެކި ދާއިރާތަކުން އެހީތެރިވެދެއްވުމަށް މުހިއްމު 8 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެއަށް ދަތުރުފުޅެއްކުރެއްވީ ވެސް ނިމުނު ހަފުތާގައެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ސްރީލަންކާއާއި ދެމެދު މުހިންމު 2 އެއްބަސްވުމެއްގައި ސޮއިކޮށް، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ހަމައެއާއެކު ރާއްޖޭގެ އިޤުތިޞާދީ މަލަމަތި ބަދަލުކޮށްލާނެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވީވެސް ނިމުނު ހަފުތާގައެވެ. މި ޓަރމިނަލުން އަހަރަކު 7 މިލިޔަން މީހުންނަށް ޚިދުމަތްދެވޭނެއެވެ. ޓަރމިނަލް ހުޅުވާފައިވަނީ ހަވާއެރުވުމާއެކު ބޭއްވި ކުލަގަދަ ރަސްމިއްޔާތަކާއެކުއެވެ. މި ރަސްމިއްޔާތުގައި އެރުވި ހަވާ އެރުވުމުގެ ހަރަކާތް ވަނީ ދުނިޔޭގެ ރިކޯޑު ފޮތުންވެސް ޖާގަ ހޯދާފައެވެ.

އިތުރު 30 އެނދާއެކު ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ތަރައްޤީކުރި ޖަސްޓިސް ބިލްޑިން އެނެކްސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީވެސް އާދިއްތަ ދުވަހުއެވެ. މީގެ އިތުރުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޤާއިމުކުރި އައިނު ފިހާރަ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވީވެސް ނިމުނު ހަފުތާގެ އާދިއްތަ ދުވަހުއެވެ.

މިނިވަން ދުވަސް:

ނިމުނު ހަފުތާއަކީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަސް ފާހަގަކުރި ހަފުތާވެސް މެއެވެ. އެ ގޮތުން މިނިވަން ދުވަސް ފާހަގަކުރުމަށް ދިދަނެގުމުގެ ރަސްމިއްޔާތާއި ފުޅަނދުބުރާއި ސިފައިންގެ ޝަރަފްގެ ހިނގާލުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ދިވެހި ދައުލަތުން އަރުވާ އެންމެ މަތިވެރި ޢިއްޒަތްކަމުގައިވާ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު 3 ބޭފުޅަކަށް އަރުވާފައިވެއެވެ. ލަޤަބު އެރުވި ބޭފުޅުންނަކީ ކުރީގެ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނާއި ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލްމަރުޙޫމު ޙަސަން ޞާބިރާއި ރާއްޖޭގެ ސިޔާސީ އަދި އިޤުތިޞާދީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއްކޮށްދެއްވި ޤާސިމް އިބްރާހިމެވެ.

އަދި ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އަޙްމަދު ސަލީމަށް އެރުވީވެސް މިނިވަން ދުވަހުގެ ޖަލްސާގައެވެ.

ސިޔާސީ ދާއިރާ:

ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އައްޔަންކުރި ޚަބަރު ފާހަގަކޮށްލެވެއެވެ.

ޢަލީ ޒުހައިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަނުކުރެއްވުމާ ގުޅިގެން އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރައްވާފައިވަނީ އިބްރާހީމް ނަޒީމެވެ. އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް ނަޒީމް ހުންނެވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުގައެވެ.

މީގެ އިތުރުން ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަނުކުރަން ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމެވި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ. ހައިކޯޓަށް އައްޔަނުކުރަން ނިންމެވި ފަނޑިޔާރުންނަކީ ޢަބްދުﷲ ޖަމީލު މޫސާއާއި މުޙައްމަދު ޝަހީދެވެ.

އެހެނިހެން ދާއިރާތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، މާލޭގެ ވަށައިގެންވާ ތޮށި މަރާމާތުކުރުމަށް ޖަޕާން ސަރުކާރުން 10.5 މިލިޔަން ޑޮލަރު އެހީއެއް ރާއްޖެއިން ދެއްވި ޚަބަރު ފާހަގަކޮށްލެވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަފައިވާއިރު، މާވަށުގައި ވަޅިން ހަމަލާދީ 29 އަހަރުގެ ޒުވާނަކު މަރާލާފައިވަނީވެސް ނިމުނު ހަފުތާގައެވެ.

ހަމައެއާއެކު މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައެޅުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއިރު، އެކަން ތަންފީޒުކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ދައުލަތުގެ ބަންޑާރަނައިބު ވިދާޅުވީވެސް ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އަދި ސްރީލަންކާ މީހުންނަށް ރާއްޖެއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ނިމުނު ހަފުތާގައި ފެށިއިރު، އައު ޓަރމިނަލުން ޖުލައި މަހުގެ 27އިން ފެށިގެން ބަންގީގެ އަޑު އިވޭގޮތަށް ހަމަޖެއްސީވެސް ނިމުނު ހަފުތާގައެވެ.

މީގެ އިތުރުން މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އެރުވި ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޙަސަން ޞާބިރު އަވަހާރަވީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. އެމަނިކުފާނު ފަސްދާނުލާފައިވަނީ ރަސްމީ ޢިއްޒަތުގައެވެ.