ޚަބަރު

ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމާގުޅޭ މަޝްވަރާތަކެއް


  • ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢު ފެށުމަށް ދަނީ ތައްޔާރުވަމުން

  • މި މަސައްކަތް ޢަމަލީ ގޮތުން ފެށުމަށް މަޝްވަރާކުރައްވާފައިވޭ

ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތް ފެށުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާއެކު މަޝްވަރާކުރައްވައިފިއެވެ.

ބޮޑުތިލަދުންމައްޗަކީ ރާއްޖެއިން ފެންނަ އެންމެ ޤަދީމީ އާސާރީ ތަރިކަތައް ހުންނަ އެއް ސަރަޙައްދެވެ. ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ޤައުމީ އަބުޠާލު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމް، މަޝްހޫރު ނަމުންނަމަ ބޮޑު ތަކުރުފާނާ ގުޅިފައިވާ އެތައް ތަރިކައެއް މި ސަރަހައްދުގައި ހުރެއެވެ.

އިޤުތިޞާދު ސިންދަފާތުކުރުމާއި ފަތުރުވެރިކަން ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހެރިޓޭޖް ޓޫރިޒަމް ނުވަތަ ތަރިކައިގެ ފަތުރުވެރިކަމެއް ކުރުމަކީ އެމަނިކުފާނު ޚާއްސަ އިސްކަމެއްދެއްވާ ކަމެކެވެ. މިގޮތުން ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، އެ ތަރިކަތައް ފަތުރުވެރިންނަށް ވިއްކުމުގެ ޚާއްސަ މަސައްކަތްތަކެއް ފެށުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދަނީ މަސައްކަތްކުރަމުންނެވެ.

މީސްމީޑިޔާގައި ޙިއްސާކުރި ޕޯސްޓެއްގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ ޣާޒީ ރަދުންގެ އަސަރުތައް ދިރުވުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ކަމަށް ބޭނުންވާ އެންމެ ފަހުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ދިވެހިބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް، ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމްއާ ބައްދަލުކުރައްވާފައިވާކަމަށް ޕޯސްޓުގައިވެއެވެ.

ބޮޑުތިލަދުންމަތީގައި ހުރި ތަރިކަތައް ހިމާޔަތްކޮށް ތަރިކައިން އާމްދަނީ ހޯދުމުގެ މަޝްރޫޢު ފެށުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ދިވެހިބަހާއި ސަގާފަތާރި ތަރިކައާ ބެހޭ ވަޒީރު ވަނީ ބޮޑުތިލަދުންމައްޗަށް ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ހއ. އުތިމާއި ބާރަށާއި ތަކަންދޫއަށް ޒިޔާރަތްކުރައްވައި، މަޢުލޫމާތު އެއް ކުރެއްވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިހާތަނަށް ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގައި 400 އެއްހާ ތަރިކަ އެބަހުއްޓެވެ. އަދި ބިމު އަޑީގައި ފަސްޖެހި ވަޅުލެވިފައި ހުރި ތަރިކަތައް ހިމެނޭހެން ރާއްޖޭގައި ހުރި ތަރިކަތަކުގެ އަދަދު 2000އާ ގާތްކުރާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.