ޚަބަރު

އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށްދާ މީހުންނަށް މިއަދުން ފެށިގެން 2000 ޑޮލަރު ލިބޭނެ


  • މިގޮތައް ހަމަޖެއްސެވީ ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށްދިނުމަށް

  • އަމިއްލަ ޚަރަދުގައި ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް 1000 ޑޮލަރު ލިބޭނެ

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށްދާ ބަލިމީހުންނަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވާ އެކަން އިއުލާންކުރައްވާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށްދާ ބަލިމީހުންނަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުންނެވެ.

އާސަންދަ ޕޭޝަންޓުންނަށް ބޭންކު މެދުވެރިކޮށް 2000 ޑޮލަރާ ހަމައަށް މިހާރުވެސް ދަނީ ލިބެމުންނެވެ. އެހެންކަމުން އެންސްޕާ މެދުވެރިކޮށްވެސް ބޭސްފަރުވާއަށް ދާ ބަލިމީހުންނަށް 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތައް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އަދި މިއަދުން ފެށިގެން އެ ނިންމުމަށް އަމަލުކުރަންފަށާނެއެވެ.

މީގެއިތުރުން ރައީސް ނިންމަވާފައިވަނީ މިއަދުން ފެށިގެން އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށެވެ.

އަމިއްލަ ޚަރަދުގައި ފަރުވާއަށް ދާ މީހުންނަށްވެސް ބީއެމްއެލް މެދުވެރިކޮށް ލިބޭނީ، ޓިކެޓަށް ލިބޭ 500 ޑޮލަރު އެކަންޏެވެ. އެހެންކަމުން، ފަރުވާއަށް ދާ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ.

ސަރުކާރުން ގެންދަވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިހާރު މަހެއްގެ މައްޗަށް 1200 ޑޮލަރުގެ ލިބޭނެއެވެ. އަދި މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށްދިޔަ ކޮންމެ ޙައްޖުވެރިއެއްގެ ޑެބިޓް ކާޑަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓްވެސް ސަރުކާރުން ވަނީ ދީފައެވެ.

އެންސްޕާއިން ހިއްސާކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 25.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިދިޔަ ޖޫންމަހު ވަނީ ޚަރަދުކޮށްފައެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރުން ފަރުވާކުރުމަށް 8.1 މިލިޔަން ރުފިޔާ އަދި ރާއްޖޭން ފަރުވާކުރުމަށް 17.7 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޚަރަދުކޮށްފައެވެ.