ލިވަޕޫލްގެ ހަތް ނަންބަރު ޖާޒީ އެ ޓީމުގެ އަގުބޮޑު އެޓޭކިން މިޑްފީލްޑަރު ކްރިސްޓިއަން ވާޓްޒް އަށް ދީފި އެވެ.
ކުރިން މި ނަންބަރު ލަމުން އައީ ކޮލަމްބިއާގެ ވިންގަ ލުއިޒް ޑިއާޒް އެވެ. އޭނާ ވަނީ ލިވަޕޫލް ދޫކޮށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލިވެފަ އެވެ. ވާޓްސް ލިވަޕޫލަށް ގެނައީ ޖަރުމަނުގެ ބަޔާ ލެވެކޫސެން އިންނެވެ. އެއީ 110 މިލިއަން ޑޮލަރަށެވެ.
ވާޓްޒް އަށް ހަތް ނަންބަރު ދީފައިވާއިރު ލިވަޕޫލާ ގުޅުނު މިލޯސް ކެރްކެޒް ލާނީ ހަ ނަންބަރު ޖާޒީ އެވެ. އަދި ޖެރެމީ ފްރިމްޕޮންގް އިހްތިޔާރުކޮށްފައިވަނީ 30 ނަންބަރު ޖާޒީ އެވެ. މިއީ އޭނާ ލެވެކޫސެންގައި ވެސް ބޭނުންކުރި ނަންބަރެވެ. ލިވަޕޫލަށް ގެނައި ފްރާންސްގެ ޒުވާން ފޯވަޑް ހޫގޭ އެޓިކިޓޭ ލާނީ 22 ނަންބަރު ޖާޒީ އެވެ.
ގޯލް ކީޕަރުންނަށް ބަލާއިރު މި ސީޒަނުގައި ޓީމާ ގުޅުނު ޖޯޖިއާގެ ކީޕަރު ޖިއޯޖީ މަމަޑާސްވިލީ ލާނީ 25 ނަނބަރު ޖާޒީ އެވެ. އެއް ނަންބަރު ލާނީ ފާއިތުވެދިޔަ ފަސް އަހަރު ކުޅުނު ކީޕަރު އަލިސަން ބެކާ އެވެ.
މި ކުޅުންތެރިންގެ ނަންބަރު ތަކާއެކު ލިވަޕޫލްގެ ޖާޒީ މިއަދުން ފެށިގެން އެ ކުލަބުގެ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށް ކުލަބުން ވަނީ މައުލޫމާތު ދީފަ އެވެ.